މި އަހަރަށް މަޖިލިސް ހުޅުވުން އަންނަ މަހު 5ގައި

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ މަހު 5 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލިސް އިދާރާގެ ސީނިއާ މީޑިއާ އޮފިސަރު އަހުމަދު މާން އަސްއަދު މިއަދު އެ އިދާރާގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހު 5ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާ ކަމަށެވެ.
ޖަލްސާ އޮންނާނީ އެ ދުވަހު ހެނދުނު 9ގަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މަޖިލިސް ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގައި ވެސް މަޖިލީހުން އެ އަހަރެއްގެ ފުރަތަމަ ދައުރު ފަށާނީ ފެބްރުއަރީގަ އެވެ. އަދި ކޮންމެ އަހަރެއްގެ ވެސް މަޖިލިސް ހުޅުވާ ޖަލްސާއެއްގައި އޭރަކު ހުންނަވާ ރައީސެއްގެ ރިޔާސީ ބަޔާން އިއްވަވާނެ އެވެ. މިއީ ރައީސް މުހައްމަދު މުއިއްޒު ދެއްވާނެ ތިން ވަނަ އަދި 20 ވަނަ މަޖިލީހުގައި އިއްވަވާނެ ދެ ވަނަ ރިޔާސީ ބަޔާނެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ.
ގުޅުން ހުރި - މި އަހަރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާ އަންނަ މަހު 5ގައި ބާއްވަން ތާވަލު ކުރިއިރު، މަޖިލީހުން އަންނަނީ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަމުންނެވެ. މިހާތަނަށް އޭގެ ދެ ޖަލްސާ ވަނީ ބާއްވަ އެވެ.
ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރުން ޖަލްސާތައް ބާއްވާ އެންމެ ބޮޑު ސަބަކަކީ ގާނޫނުއަސާސީ އިސްލާހު ކުރުމެެވެ. ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ހަދައި މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 2028އަށް ކުރުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ