'ސުނާމީ ރެޑީ' ސިޓީއަކަށް ކުޅުދުއްފުށި ހަދަނީ

'ސުނާމީ ރެޑީ ރެކޮގްނިޝަން' ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި އެވެ.
އެގޮތުން ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން، ޔުނެސްކޯގެ އިންޓަގަވަމެންޓަލް އޯޝަނޮގްރެފިކް ކޮމިޝަން (އައިއޯސީ) ގެ ދަށުން ކުޅުދުއްފުށީގައި އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެ ސިޓީ އަކީ ސުނާމީގެ ކާރިސާތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ މިންގަނޑުތަކަށް ފެއްތުމަށް، އެއާޕޯޓް ސަރަހައްދުގައި މިހާރު ވަނީ 'ސުނާމީ އެވެކުއޭޝަން މެޕް' ބިލްބޯޑެއް ވެސް ހަރުކޮށްފަ އެވެ.
މީގެ އިތުރުން، ކުޅުދުއްފުށި ސިޓީގެ ކާރިސީ ހިރާސް ކުޑަކުރުމުގެ ޕްލޭންގެ ދަށުން އެކުލަވާލާފައިވާ 'ސިޓީ އިމަޖެންސީ އޮޕަރޭޝަން ޕްލޭން' އާ އެއްގޮތަށް، ކާރިސާގެ ވަގުތުތަކުގައި ރައްކާތެރިކަމާ އެކު ޖަމާވުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި އިރުޝާދުގެ ބޯޑްތަކެއް ހަރުކޮށްފައިވެ އެވެ. އެގޮތުން 7 ތަނެއްގައި ބޯޑުތައް ހަރުކޮށްފައިވެ އެވެ.
'ސުނާމީ ރެޑީ ރެކޮގްނިޝަން' ޕްރޮގްރާމަކީ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ސުނާމީގެ ނުރައްކާ ކުޑަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކޮމިއުނިޓީ ބޭސްޑް އިނީޝިއޭޓިވެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އާންމުން ހޭލުންތެރިކުރުވުމާއި، ތައްޔާރީ ފިޔަވަޅުތައް ވަރުގަދަކޮށް، އިންސާނީ ފުރާނަ އާއި މުދާ ރައްކާތެރިކުރުމުގެ ވިލުންވެރިކަން އިތުރު ކުރުމެވެ.
މި މަސައްކަތްތަކާއެކު، ކުޅުދުއްފުށި ވެގެން ގޮސްފައި ވަނީ ރާއްޖޭގައި 'ސުނާމީ ރެޑީ' ސިޓީއެއްގެ ދަރަޖަ ހޯދުމަށް ހުށަހެޅުނު ފުރަތަމަ ކެންޑިޑޭޓަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ