އާރުޑީސީއަށް ހެވީ މެޝިނަރީޒް ގެންނަން އެކްސް ސީއެމްޖީ އާއި އައި.ޑީ.އެސް އާއެކު އެއްބަސްވުމެއް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއަށް ބޭނުންވާ ހެވީ މެޝިނަރީޒް ގެނައުމަށް، ޗައިނާގެ އެކްސް.ސީ.އެމް.ޖީ އާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އާރުޑީސީން މިއަދު ބުނީ މި އެއްބަސްވުން ގާއިމްކޮށްފައިވަނީ، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ހެވީ މެޝިނަރީގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން ކަމަށެވެ.
މި އެއްބަސްވުމުގައި އައި.ޑީ.އެސްގެ ފަރާތުން ސޮއިކުރެއްވީ އައި.ޑީ.އެސް. އަދި އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ. އެކްސް.ސީ.އެމް.ޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސައުތު އޭޝިއާ ސަރަޙައްދުގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޓޫ ހުއި އެވެ. މި ރަސްމިއްޔާތުގައި އެކްސް.ސީ.އެމް.ޖީގެ ގްލޯބަލް ބިސްނަސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޒައި ކުން އާއި އާރް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަބީހް އަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ޗައިނާގައި މިއަދު ސޮއިކުރި މި "ބިޒްނަސް ކޯޕަރޭޝަން އެގްރީމަންޓް" އަކީ އާރްޑީސީ އާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަނާއި ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މުޢާމަލާތްތަކެއް ކަމަށް އާރުޑީސީން ބުންޏެވެ. މި އެއްބަސްވުމުގެ ދަށުން، މަގު ހެދުމަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 މެޝިނަރީ ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އާރުޑީސީން ބުނީ މި މެޝިނަރީ ތަކަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒާކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް އެކްސް.ސީ.އެމް.ޖީ އާއި އައިޑީއެސް ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް ވެސް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައިވާކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނޭކަމަށް އާރުޑީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ