ހިތުގެ މައްސަލައެއް ކުރިމަތިވެ، އޮސްކާގެ ފުޓްބޯޅަ ކެރިއަރު ނިމުމަކަށް
ޗެލްސީ އާއި ބްރެޒިލްގެ ގައުމީ ޓީމަށް ކުރިން ކުޅުނު ހުނަރުވެރި މިޑްފީލްޑަރު އޮސްކާ، ހިތުގެ ބައްޔެއް ތަހައްމަލު ކުރަން ޖެހުމާ ގުޅިގެން ކުޅިވަރުން ރިޓަޔާކުރިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އުމުރުން 34 އަހަރުގެ އޮސްކާ މި ނިންމުން ނިންމީ، އޭނާ މިހާރު ކުޅެމުންދާ ބްރެޒިލްގެ ސައޮ ޕައުލޯގެ ފަރިތަކުރުންތަކެއްގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހު ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާދީފައި ވަނިކޮށެވެ. ޓެސްޓުތަކުން ދެއްކި ގޮތުގައި އޭނާއަށް ދިމާވީ 'ވަސޯވަގަލް ސިިންކޯޕް' ކިޔާ ހާލަތެކެވެ. މިއީ ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު ކުއްލިއަކަށް ދަށްވުމުގެ ސަބަބުން ހޭނެތުމަށް މެދުވެރިވާ އާންމު ބައްޔެކެވެ. އޮސްކާ ބުނި ގޮތުގައި އޭނާ އަދިވެސް ހުރީ ސައޮ ޕައުލޯއަށް އިތުރު ކާމިޔާބީތައް ހޯދައިދޭން ބޭނުންވެފައެވެ. ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން، ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އޮއްވާ ކުޅުން ހުއްޓާލަން މަޖުބޫރުވީއެވެ. ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި އޭނާ ވަނީ، އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އެކި ގައުމުތަކުގައި ކުޅުމުގެ ފުރުސަތު ލިބުނު ކަމަށާއި، ދެން ފެންނާނީ ސައޮ ޕައުލޯގެ ސަޕޯޓަރެއްގެ ގޮތުގައި ކަމަށް ބުނެފައެވެ. އަދި މި އުނދަގޫ ވަގުތުގައި ސަޕޯޓަރުން ދިން ހިތްވަރަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. ދެހާސް ބާރަ ވަނަ އަހަރު ޗެލްސީއާ ގުޅުނު އޮސްކާ ވަނީ އެ ކްލަބާއެކު ޔޫރޯޕާ ލީގާއި، ޕްރެމިއާ ލީގުގެ އިތުރުން ލީގު ކަޕް ކާމިޔާބުކޮށްފައެވެ. ޗެލްސީއަށް 203 މެޗު ކުޅެދީ 38 ގޯލު ޖެހުމަށްފަހު، 2017 ގައި އޭނާ ބަދަލުވީ ޗައިނާގެ ޝަންހާއީ ޕޯޓަށެވެ. އެތަނުގައި ތިން ފަހަރު ޗައިނީޒް ސުޕަ ލީގު ކާމިޔާބު ކުރުމަށްފަހު، އޭނާ އެނބުރި އަމިއްލަ ގައުމުގެ ސައޮ ޕައުލޯއާ ގުޅުނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ބްރެޒިލްގެ ގައުމީ ޓީމަށް އޭނާ ވަނީ ކެރިއަރުގައި 48 މެޗު ކުޅެދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ