ފެކްޓް ޗެކް: ކޮންމެ އަތޮޅަކުން ޕާސްޕޯޓު ހެދޭ؟ ފެކްޓް ޗެކް: ކޮންމެ އަތޮޅަކުން ޕާސްޕޯޓު ހެދޭ؟

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް މާލޭގެ މަޖީދީ މަގުގައި، ޕީއެންސީން ދަމާފައިވާ "ކޮންމެ އަތޮޅަކުން މިހާރު ޕާސްޕޯޓު ހެދޭ" ކަމަށް ބުނާ ބެނާއަކީ، އާންމު ރައްޔިތުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ބޭނުންކޮށްފައިވާ އިބާރާތެކެވެ.
ޕާސްޕޯޓު ހެއްދުން މުޅި ރާއްޖެއަށް ފުޅާކުރުމުގެ ނަމުގައި މި ސަރުކާރުން މަޝްރޫއެއް ފެށީ ނޮވެމްބަރު 16، 2024، ގަ އެވެ.
"މިއަދު މި ފެށިގެންދިޔަ އައި.ޑީ.ކާޑު އަދި ޕާސްޕޯޓް ހިދުމަތަކީ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އެއިން ލިބިގެންދާނެ ކަމަކަށްވާނެކަން ޔަގީން،" ހއ. އިހަވަންދޫގައި ޖެނުއަރީ 29، 2025 ގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން "ޕާސްޕޯޓު ހެދުން" ކަމަށް މި ބުނަނީ ހަމައެކަނި ޕާސްޕޯޓަށް އެދި ފޯމު ހުށަހެޅުމާއި، މާލޭގައި ޕްރިންޓުކޮށްފައި ފޮނުވާ ޕާސްޕޯޓާ ހަވާލުވުމަށެވެ. ނަމަވެސް، އާންމު މާނައިގައި ޕާސްޕޯޓު ހެދުމަކީ އެ ރަށަކުން ޕާސްޕޯޓު ޕްރިންޓުކޮށްގެން ދޫކުރުމެވެ.
ހަގީގަތް: މާލެ ފިޔަވައި ރާއްޖޭގެ އެއްވެސް އެހެން ރަށެއްގައި ޕާސްޕޯޓު ޕްރިންޓެއް ނުކުރެ އެވެ.
ޕާސްޕޯޓަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ލިޔުމަކަށް ވާތީ، އެ ޕްރިންޓުކުރާ މަރުކަޒަކީ ވަކި ހާއްސަ މިންގަނޑުތަކަކަށް ފެތޭ، ސެކިއުރިޓީ ވަރުގަދަ ތަނަކަށް ވާންޖެހެއެވެ. އެހެންވެ، ބޮޑު ހަރަދުކޮށްގެން ރަށްރަށުގައި ކޮޓަރިތަކެއް ހެދި ނަމަވެސް ޖެހުނު ކޮންމެ ތަނެއްގައި ޕާސްޕޯޓެއް ޕްރިންޓެއް ނުކުރެވޭނެ އެވެ.
ނަމަވެސް ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއްގެ ގޮތުގައި ބައެއް ރަށްރަށުގައި ޕާސްޕޯޓު ޕްރިންޓުކޮށް ދޫކުރުމަށް ކައުންސިލްތަކުގައި ހާއްސަ ކޮޓަރިއެއް ހެދި އެވެ. އެއީ އެކަން ކުރަން ސަރުކާރުން އެންގުމުން ކުރި ހަރަދެކެވެ. އެ ކޮޓަރި ހެދުމަށް ބައެއް ކައުންސިލްތަކުން 400،000ރ. އަށް ވުރެ ބޮޑު ހަރަދެއް ކުރި އެވެ.
އެތަންތަން ހަދާފައި ހުއްޓަސް، ރަށްރަށުން ހުށަހަޅާ ޕާސްޕޯޓުތައް އަދިވެސް ޕްރިންޓު ކުރަނީ މާލޭގައެވެ. އެއަށްފަހު ފްލައިޓު ނުވަތަ ކަނޑުދަތުރުފަތުރު މެދުވެރިކޮށް އެ ރަށަކަށް ފޮނުވައިދެނީ އެވެ.
ރަށްރަށުގައި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ފެށި ކަމަށް ބުނަމުން ދިޔަ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި، މާލެ ފިޔަވައި އެއްވެސް ރަށެއްގައި ޕާސްޕޯޓު ޕްރިންޓު ނުކުރާ ކަމަށް، ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ބައެއް ކައުންސިލްތަކުގެ އިސްވެރިން މި ނޫހާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.
"މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި އަދި ޕާސްޕޯޓެއް ޕްރިންޓެއް ނުކުރޭ،" އެ މައުލޫމާތު އެނގޭ އޮފިޝަލަކު، ނަން ނުޖެހުމަށް ޝަރުތުކޮށް އަދަދު ނޫހަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
މުއިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުގައި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ފެށި ބައެއް ރަށްތަކުގެ ކައުންސިލުން ވެސް ބުނީ އެ ރަށްރަށުގައި ޕާސްޕޯޓު ޕްރިންޓުކުރުން ކުރިއަށް ނުގެންދާ ކަމަށެވެ.
"މާލެއިން ޕްރިންޓުކޮށްގެން މި ރަށަށް ގެންނަނީ. އެއީ އެ ބުނާ ޕާސްޕޯޓު ހެދުމުގެ ހިދުމަތަކީ،" ޕާސްޕޯޓު ހިދުމަތް ތައާރަފުކުރި ރަށެއްގެ ކައުންސިލް މެންބަރު ވިދާޅުވި އެވެ.
"ކޮންމެ އަތޮޅަކުން ޕާސްޕޯޓު ހެދޭ" ކަމަށް ބުނާ ބުނުމަކީ އޮޅުވާލުމެކެވެ. ޕާސްޕޯޓު ޕްރިންޓު ކުރުމުގެ ހިދުމަތް އަދިވެސް އޮތީ ހަމައެކަނި މާލޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ