ޖަރުމަނުގައި ތިބި އެމެރިކާގެ 5,000 ސިފައިން ބޭލުމަށް ނިންމައިފި

އީރާނުގެ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫރަޕްގެ ބައިވެރިންނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން، ކުރިއަށް އޮތް ހަ މަހާއި 12 މަސްދުވަހުގެ ތެރޭގައި ޖަރުމަނުގައި ތިބި އެމެރިކާގެ 5,000 ސިފައިން ބޭލުމަށް ނިންމާފައިވާކަން ޕެންޓަގަނުން އިއްޔެ އިއުލާނުކޮށްފި އެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެމެރިކާގެ ސިފައިން އެންމެ ގިނަ އަދަދަކަށް ތިބީ ޖަރުމަނުގަ އެވެ. އެ ގައުމުގައި އެމެރިކާގެ 35,000 ސިފައިން މިހާރު ވެސް ހަރަކާތްތެރިވަމުންދެ އެވެ.
ޕެންޓަގަންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ނިންމުމާ އެކު ޔޫރަޕްގައި ތިބި އެމެރިކާ ސިފައިންގެ އަދަދު، 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރުމުގެ ކުރިން ތިބި މިންވަރަށް ދަށްވާނެ އެވެ.
ސިފައިން ބޭލުމަށް މި ނިންމީ، އީރާނުގެ ހަނގުރާމަ ނިންމުމަށް ކުރެވޭ މަޝްވަރާތަކުގައި އީރާނުން އެމެރިކާ "ލަދުގަންނުވަމުންދާ" ކަމަށް ވިދާޅުވެ، ޖަރުމަނުގެ ޗާންސެލަރު ފްރީޑްރިކް މާޒް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެމެރިކާގެ އެގްޒިޓް ސްޓްރެޓެޖީ ނުވަތަ ހަނގުރާމައިން ވަކިވުމުގެ ރޭވުމާ މެދު ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.
ޕެންޓަގަންގެ އޮފިޝަލަކު ވަނީ ޖަރުމަނުގެ މި ވާހަކަތަކަކީ "ނުގުޅޭ އަދި އެއްވެސް އެހީތެރިކަމެއް ނެތް" ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ޓްރަމްޕް އެކަމަށް ރައްދު ދެއްވަނީ ހައްގު މިންވަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ނިންމުމުގެ ދަށުން ޖަރުމަނުގައި ތިބި "ބްރިގޭޑް ކޮމްބެޓް ޓީމެއް" ބާލާނެ އެވެ. އަދި މި އަހަރުގެ ފަހުކޮޅު އެ ގައުމަށް ފޮނުވަން ރާވާފައި އޮތް "ލޯންގް ރޭންޖް ފަޔާސް ބެޓޭލިއަން" ފޮނުވުން ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.
އީރާނު މައްސަލައިގައި ގެންގުޅޭ ސިޔާސަތުތަކާއި ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާއިން ހިންގާ އޮޕަރޭޝަންތަކަށް އެއްބާރުލުން ނުދޭތީ، ސްޕެއިނާއި އިޓަލީ ހިމެނޭހެން ނޭޓޯގެ އެހެން ބައެއް ގައުމުތަކަށް ވެސް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފަ އެވެ.
ޕެންޓަގަންގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އިމްރާން ބަޔޫމީ އިންޒާރު ދެއްވި ގޮތުގައި، މި ނިންމުމުގެ ސަބަބުން އެމެރިކާ އާއި ޔޫރަޕްގެ ދެމެދު އޮތް ގުޅުމަށް އިތުރު ބުރޫއަރާނެ އެވެ. އަދި އެމެރިކާއަކީ އިތުބާރު ހިފޭ ގައުމެއް ނޫން ކަމަށް ބަލައި، ޔޫރަޕްގެ ގައުމުތަކުން އެ މީހުންގެ ދިފާއީ ހަރަދުތައް އިތުރުކުރުން އެކަށީގެންވާ ކަމަށް ވެސް އޭނާ ލަފާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ