އައްޑޫ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

އައްޑޫ ސިޓީގެ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދު ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އޮސްޓްރޭލިއާގެ ރައްޔިތެއްކަން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދީފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދުގެ ހަވީރުގެ ވަގުތެއްގައި އެ ސަރަހައްދުން ފެނުނު މި ހަށިގަނޑަކީ އުމުރުން 60 އަހަރުގެ ޑެނިއަލް ޑީ ޖިއޮވީން ކިޔާ މީހެއްގެ ހަށިގަނޑެވެ. އޭނާއަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްކަން ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މީހަކު މަރުވެފައި އޮއްވާ ފެނިގެން އާންމުންގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 16:41 ހާއިރުއެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އޭނާގެ ހަށިގަނޑު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުރަތަމަ އޭނާ ފެނުނުއިރު އެއީ ކޮން ގައުމެއްގެ ކާކުކަން ދެނެގަނެވިފައި ނުވި ނަމަވެސް، ފަހުން ފުލުހުން ކުރި ތަހުގީގުން ވަނީ އޭނާގެ ވަނަވަރު ކަށަވަރުކޮށްފައެވެ. މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އޭނާ މަރުވީ މޫދަށް އެރި އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއަކުން ކަމެއް ނުވަތަ އެހެން ސަބަބަކާ ހުރެ ކަމެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ