މި ރަމަޟާން މަހަކީ ދުންފަތާ ދުރުހެލިވުމަށް އަޒުމް ކަނޑައަޅާ މަހަކަށް ހަދަމާ
ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުން ފަތިހުގެ އަލިވިލުނީއްސުރެ އިރުއޮއްސުމާ ހަމައަށް ކެއުމާއި، ބުއިމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެ، ރޯދައަށް ތިބޭ މައްސަރެކެވެ. މިއީ އަޅުކަންތައްތަކުގައި ޖަމާއަތް ހެދުމާއި، އާއިލީ ގުޅުންތައް ބަދަހިކުރުމާއި، އެކުގައި ކެއުންބުއިމުގެ އާދަތަކުގެ ސަބަބުން ރޫހާނީ އަދި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބޭ މަހެކެވެ. ނަމަވެސް، މިއާއެކު ސިއްހީ ގޮތުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ވެސް ހުރެއެވެ. އޭގެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތާ ގުޅުންހުރި އެންމެހާ އާދަތަކުން އަމިއްލަ ނަފުސު ރައްކާތެރި ކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. ރަމަޟާން މަހަކީ ފަތިހުން ފެށިގެން އިރުއޮއްސުމާ ހަމައަށް ރޯދަވެރިން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާ މަހެކެވެ. މިއީ ސިކުނޑި ތާޒާކޮށްލައި، ދުންފަތާއި ނިކޮޓިންގެ ވަބާއިން ދާއިމީކޮށް ސަލާމަތްވުމަށް ލިބޭ ރަން ފުރުސަތެކެވެ. ދުންފަތާ ދުރުހެލިވުމަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ޑަބްލިއުއެޗްއޯއިން ނެރެފައިވާ ޕޯސްޓަރެއް--ފޮޓޯ/އިންސްޓަގްރާމް ޑަބްލިއުއެޗްއޯއިން މިކަމާ ގުޅިގެން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ރަމަޟާން މަހަކީ ދުނިޔޭގެ އެތައް ހާސް މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ދުންފަތާ ދުރަށް ދިއުމަށް ޢަޒުމް ކަނޑައަޅައި އެކަން ކާމިޔާބުކުރާ މަހެކެވެ. ދުންފަތާއި، ވޭޕް ނުވަތަ ހީޓެޑް ޓޮބެކޯ އުފެއްދުންތަކަށް ތިބާ ހޭދަކުރާ ކޮންމެ ރުފިޔާއަކީ ތިބާގެ އަމިއްލަ ނަފުސަށް ދެވޭ ގެއްލުމެކެވެ. އަދި އެއީ އާންމުންގެ ސިއްހަތަށް ނުރައްކާކޮށްގެން މަންފާ ހޯދާ ސިނާއަތަކަށް ދެވޭ އެހީތެރިކަމެކެވެ. މި ރަމަޟާން މަހަކީ މި ނުރައްކާތެރި އާދައިން ދުރުހެލިވާ މަހަކަށް ހެދުމަށް ދުންފަތުގެ ބާވަތްތަކަށް ހޭދަކުރާ ހޭދަކުރުންތައް އެހީތެރިކަން ބޭނުންވެފައިވާ އާއިލާއަކަށް ނުވަތަ ބަޔަކަށް ހަދިޔާ ކުރުމަކީ އެކަމުން ހެޔޮ ދަރުމަ ލިބޭނެ ކަމެކެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރާ 1.3 ބިލިއަން މީހުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅެނީ އާމްދަނީ މަދުން ނުވަތަ މެދު މިންވަރަކަށް ލިބޭ ގައުމުތަކުގައެވެ. އެހެން މަސްތަކާ ޚިލާފަށް ރަމަޟާން މަހަކީ ކެއުން ބުއިމުން ދުރުހެލިވެ ގާތްގަނޑަކަށް 13 ވަރަކަށް ގަޑިއިރު ދުންފަތުގެ އިސްތިއުމާލު ނުކޮށް ތިބެވޭ މަހެކެވެ. އެހެންކަމުން ދުވަހުގެ ބާކީ އޮތް ވަގުތުކޮޅަކީ ވެސް އަމިއްލަ ނަފުސު އެކަމުން ކޮންޓްރޯލްކޮށް ދުންފަތާ ދުރުވުމަށް މަސައްކަތް ކުރެވިދާނެ ވަގުތުތަކަކަށް ހެދުމަށް ޑަބްލިއުއެޗްއޯއިން ވެސް ވަނީ އިރުޝާދު ދީފައެވެ. ދުންފަތާއި ނިކޮޓިން އުފައްދާ ކުންފުނިތަކުން އާއްމުން ދުންފަތުގެ މަޅީގައި ޖެއްސުމަށްޓަކައި ކޮންމެ ދުވަހަކު އެތައް މިލިއަން ޑޮލަރެއް ހޭދަކުރެއެވެ. އެ މީހުންނަށް އެކަން ކާމިޔާބުވިޔަ ނުދީ ދުންފަތާ ދުރުގައި ހުރެ، މިކަމާ ދެކޮޅަށް އަޑުއުފުލުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އޭގެ ސަބަބުން އަމިއްލަ މީހާގެ ސިއްހަތު ރައްކާތެރިކޮށްދީ އެކީގައި އުޅޭ ގިނަ ބަޔަކު އެކަމުން ސަލާމަތްކޮށްދިނުމަށް ވެސް އެއީ ކޮށްދެވޭ ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާތާ ފަސް އަހަރު ތެރޭގައި، ސްޓްރޯކެއް ޖެހުމުގެ ފުރުސަތު، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނާ އެއްވަރަށް ދަށްވާއިރު މިއީ ތިބާގެ ހިތް ރައްކާތެރިކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މިކަމުގައި ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ބޯލަނބައި، މުހިންމު ސިއްހީ އުސޫލުތަކަށް އަމަލުކުރުމުން، ބަލިމަޑުކަމުން ރައްކާތެރިވެ، ދުޅަހެޔޮކަންމަތީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރިހަމަ ފައިދާ ހޯދިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ