ޗާގޯސްގެ ރަށްވެހިން ބޭރުކުރުން އިނގިރޭސި ކޯޓަކުން ހުއްޓުވައިފި

ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެ ސަރަހައްދަށް ދިޔަ ޗާގޯސްގެ ހަތަރު ރަށްވެއްސަކު އެތަނުން ބޭރުކުރުން އިނގިރޭސި ފަނޑިޔާރަކު ވަގުތީ ގޮތުން ހުއްޓުވައިފި އެވެ.
ފަނޑިޔާރު ވަނީ އެ މީހުން ބޭރުކުރުން ހަތް ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް އިއްޔެ އަމުރެއް ނެރުއްވާފަ އެވެ.
ލަންކާއިން ފުރައިގެން ދިޔަ މި ހަތަރު މީހުން ޗާގޯސްގެ ދުރު ހިސާބަކަށް ފައިބާފައިވަނީ އެއީ އެމީހުންގެ އަމިއްލަ ވަޒަން ކަމަށް ބުނެ، އެތަނުގައި ދާއިމީކޮށް ވަޒަންވެރިވުމުގެ މަގްސަދުގަ އެވެ.
އިނގިރޭސި އިދާރާތަކުން ވަނީ އެމީހުން އެތަނުން ނުގޮސްފި ނަމަ، ޖޫރިމަނާ ކުރާނެ ކަމުގެ ނުވަތަ ޖަލަށްލާނެ ކަމުގެ އިންޒާރު ދީ، އެތަން ދޫކޮށް ދިއުމަށް އަންގާފަ އެވެ.
ނަމަވެސް، ކޯޓުން ނެރުނު އަމުރާ އެކު، މައްސަލަ މުރާޖައާ ކުރެވެންދެން އެމީހުން ބޭރުކުރުން ވަނީ މަޑުޖެހިފަ އެވެ.
ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ފަނޑިޔާރު ޖޭމްސް ލޫވިސް ކޭސީގެ އަމުރުގައި ވިދާޅުވެފައިވަނީ، މި މައްސަލައިގައި އިންސާފު ގާއިމުކުރުމަށްޓަކައި މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެމީހުން ބޭރުނުކޮށް ބޭތިއްބުން ކަމަށެވެ. އަދި އެ މީހުންގެ ފަރާތުން ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި އެމީހުން ބޭރުކޮށްލައިފި ނަމަ، އަނބުރާ އައުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
އިނގިރޭސި ފޮރިން އޮފީހުން ބުނެފައިވަނީ ހުއްދަ ނެތި އެ ރަށްތަކަށް އެރުމަކީ ގާނޫނީ ގޮތުން މަނާ އަދި ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ޗާގޯސްގެ ރަށްވެހިންނަށް އެ ރަށްތަކަކީ މުހިންމު ތަނެއްކަން ގަބޫލުކުރާ ހާލު، ސަރުކާރުގެ އެންގުންތަކަށް ތަބާވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޗާގޯސްގެ އިސްތިގުލާލު މޮރިޝަސްއާ ހަވާލުކޮށް، ޑިއޭގޯ ގާސިއާގައި އޮންނަ އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ހިފުމަށް ލަންޑަނުން ގެންގުޅޭ ރޭވުމަށް މި ނިންމުމުގެ ސަބަބުން އިތުރު ފިއްތުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މި އެއްބަސްވުމަށް ޗާގޯސްގެ ބައެއް އާއިލާތަކާއި ސިޔާސީ ފަރާތްތަކުން ފާޑުކިޔަމުންދާއިރު، ޑިއޭގޯ ގާސިއާ ދޫކޮށްނުލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރު ސްޓާމާއަށް ބާރުއެޅުއްވުމާ ގުޅިގެން މި މުއާމަލާތާ މެދު މިހާރު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ