ގެއްލުނު ފަތުރުވެރިން ހޯދުމަށް ކުރިއަށްދާ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެ ފަރުވާދެމުން ދަނިކޮން ނިޔާވި ސިފައިންގެ ޑައިވަރު، މަރްޙޫމް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.
މިމަހުގެ 14 ވަނަ ދުވަހު ވ.އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަށް ޑައިވިންއަށް ދިޔަ އިޓަލީގެ ފަތުރުވެރިންތަކެއްގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ، އެދުވަހުގެ މެންދުރު 13:45 ހާއިރެވެ. މިމަޢުލޫމާތު ލިބުމާއެކު އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ކަނޑުގެ 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިން އެދުވަހުގެ ވަގުތެއްގައިވަނީ ފެނިފައެވެ.
އެއާއިއެކު އެމްއެންޑީއެފުން ވަނީ، އެސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި "ހައި ރިސްކު" އޮޕަރޭޝަނުގައި 8 ޑައިވަރުން ބައިވެރިވެއެވެ. މިއޮޕަރޭޝަންގައި ބައިވެރިވި ސްޓާފް ސާޖެންޓް، މުޙައްމަދު މަޙުދީ ނިޔާވެފައިވަނީ އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ޑީކޯވެގެން މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށްނެވެ.
މަރްހޫމް މަޙުދީގެ މޫނު ދެއްކުމާއި، މައްޔިތާއަށް ކުރެވޭ ކަށުނަމާދު ކުރިއަށް ގެންދިޔައީ އިސްލާމީ މަރުކަޒުގައެވެ. މަރްހޫމް މުޙައްމަދު މަހުދީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރެއްވުމުގެ ގޮތުން ގިނަ ބަޔަކު ވަނީ އިސްލާމީ މަރުކަޒަށް ގޮސްފައެވެ. މީގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ކެބިނެޓުގެ ވަޒީރުންނާއި، ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.
މަރްހޫމްގެ ސަންދޯ އައު ސަހަރާއަށް ގެންގޮސްފައިވަނީ އެކަމަށް ޚާއްސަ ކޮށްފައިވާ ވެހިކަލްގައެވެ. ސަންދޯއް ސަހަރާއަށް ގެންދިއުމަށްފަހުވަނީ 7 ބަޑީގެ ސަލާމެއް އަރުވާފައެވެ.
އަދި މަރުހޫމް މަހުދީގެ ސަންދޯކުގައި އަޅާފައި އޮތް ޤައުމީ ދިދަ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރްހޫމްގެ އާއިލާއާ ޙަވާލުކުރެއްވިއެވެ.
އަލްމަރްހޫމް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީގެ ޖަނާޒާގައި އެތައްސަތޭކަ ބަޔަކުވަނީ ބައިވެރިވެފައެވެ.
މަރްހޫމް މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި، އެތައްސަތޭކަ ބަޔަކު ބައިވެެރިވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ