މުޖުތަމައުގެ ބައިވެރިވުމާ އެކު ރާއްޖޭގެ ކުޅިތައް ހިމާޔަތްކޮށް އާލާކުރުމަށްޓަކައި ހިންގާ މަސައްކަތްތަކަށް އެހީތެރިވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން ރާއްޖެއަށް 4 މިލިއަން ޔޫރޯ (71.6 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ފައިސާގެ އެހީއަކީ، ކޮމިއުނިޓީ-ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރީޖަނަރޭޝަން' ނަމުގައި ހިންގާ މަޝްރޫއުގެ ފައިނޭންސިން އެއްބަސްވުމުގެ ދަށުން ދިން އެހީ އެކެވެ. މި އެހީގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ:
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު
އީޔޫގެ ޑެލިގޭޝަން ހެޑް އޮފް ކޯޕަރޭޝަން ޑރ. ޖޮހާން ހެސޭ
ތަފްސީލް - ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި 4 މިލިއަން ޔޫރޯގެ ހިލޭ އެހީ ބޭނުންކުރާނީ، 'ކޮމިއުނިޓީ ބޭސްޑް އިނިޝިއޭޓިވް'ގެ ދަށުން މުޖުތަމައުގެ ބައިވެރިވުމާ އެކު ކުރިއަށްގެންދާ ކުޅިތައް ހިމާޔަތްކުރުމުގެ މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި، ދިރުންތަކާއި އައްސޭރިފަށް ހިމާޔަތްކުރުން އަދި މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމުގައި ކުޅިތަކުން އަދާކުރާ ދައުރު ފުޅާކުރުންފަދަ މަސައްކަތްތައް ހިމެނެ އެވެ.
މި އެހީގެ ސަބަބުން، ޕެރިސް އެގްރީމަންޓްގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ ނޭޝަނަލީ ޑިޓަމިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) 3.0، ތަންފީޒުކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ވެސް އެ މިނިސްޓްރީން ފާހަގަކުރި އެވެ.
އެއްބަސްވުން ބަދަލުކުރުމަށް ފަހު ވާހަކަދައްކަވަމުން، ޝެރީނާ ވަނީ، ތަފާތު އެކި ދާއިރާތަކުން އީޔޫން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. ހާއްސަކޮށް، މޫސުމީ ބަދަލުތަކާ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގައި ދޭ އެހީތެރިކަން ފާހަގަކުރެއްވި އެވެ.
ކުޅިތައް ހިމާޔަތްކުރަން އީޔޫން 4 މިލިއަން ޔޫރޯގެ ހިލޭ އެހީ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ