މިރެ އާއި މާދަމާ ކަނޑުތައް ވަރަށް ގަދަވާނެ: މެޓް

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިރެ އާއި މާދަމާ ވެސް ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ. 
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މޫސުމީ ސަމާލުގައި ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކޮށްފައިވާ ކަމަށެވެ. ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މިދިޔަ 24 ގަޑިއިރުގައި ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ އއ. ތޮއްޑު އަށެވެ. އެ ރަށަށް ވަނީ 144 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. 
މެޓް އޮފީހުން ބުނީ މި ވިއްސާރާގައި މިރެ އާއި މާދަމާ، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އާންމު ވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. 
ވިއްސާރަ އަދި ކަނޑުގަދަ ދުވަސްވަރަކަށް ވާއިރު، މި އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޮޑު އީދަށް ހަފުތާއަކަށް ސަރުކާރު ބަންދުވާތީ، މިއަދުން ފެށިގެން ގިނަ ބަޔަކު ޗުއްޓީއަށް ރަށްރަށަށް ދަތުރުތައް ކުރާނެ ކަމަށް ބެލެވެ އެވެ.
ކަނޑުތައް ގަދަވާނެތީ، ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. 
މެޓް އޮފީހުން ވަނީ މިއަދު ދެ ފަހަރެއްގެ މަތިން މެދު ރާއްޖެތެރޭގެ ހިސާބުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފަ އެވެ. 
The most trusted news source in the Maldives
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތް ކަމަށްވާ ރޯނުގެ ދެވަނަ ދުވަހެވެ. މި ނަކަތުގައި ގަދަވަޔާ އެކު ވިއްސާރަކުރާނެ އެވެ. އަދި މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރު ޖޫންޖުލައިގެ ވިއްސާރަ ފެށޭ ނަކަތެވެ. ކަނޑުތައް ވެސް ވަރަށް ގަދަވާނެއިރު، އާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ.
މެޓް އޮފީހުން ބަލާ މިންގަނޑުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މި އަހަރުގެ ހުޅަނގު މޫސުން ފެށުނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. ހުޅަނގު މޫސުން ފެށޭ ދުވަސްވަރު އާންމު ގޮތެއްގައި ވެސް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، އަދި ދޭތެރެއަކުން ވިއްސާރަ ކުރެ އެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެ ވަނަ ހަފުތާގައި ދެކުނުގެ އަތޮޅުތަކަށް ފެށެ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެ ތެރެއަށް ފޯރައި، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށެ އެވެ. 
މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި 26 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ