ފަހު މެޗުގައި ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް މުބާރާތް ނިމިއްޖެ

ނޭޕާލްގެ ކަތުމަންޑޫގައި މިހާރު ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ތިންވަނަ މެޗުން ނޭޕާލް އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ. ރާއްޖެ ވަނީ މި ގްރޫޕުގައި ހިމެނޭ އިންޑިއާއާއި ކިރްގިސްތާނު އަތުންވެސް ބަލިވެފައެވެ. ނަމަވެސް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް މި މެޗުތަކުގައި ވަނީ ފެނިފައެވެ. ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ކާވާ ނޭޕާލާ ދެކޮޅަށް ކުޅުނު ސެޓުތަކުގެ ތެރެއިން ފުރަތަމަ ސެޓު ނޭޕާލުން ގެންދިޔައީ ފަސޭހަކަމާއެކު 12-25 އިންނެވެ. ދެވަނަ ސެޓު އެ ޓީމުން ގެންދިޔައީ 09-25 ގެ ބޮޑު ތަފާތަކުންނެވެ. ނަމަވެސް، ފަހު ސެޓުގައި ރާއްޖެއިން ކުޅުން ރަނގަޅުކޮށް ގާތްގާތުގައި ޕޮއިންޓް ހޯދިއެވެ. އެކަމަކު، ތަޖުރިބާގެ ބޭނުން ހިފައި ނޭޕާލުން މި ސެޓު 20-25 އިން ކާމިޔާބުކޮށް މެޗު ނިންމާލިއެވެ. ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ކާވާ މި ބައްޔާއެކު ރާއްޖެއަށް މުބާރާތް މިވަނީ ނިމިފައެވެ. މުބާރާތަށް ފުރުމުގެ ކުރިން ކުޅުންތެރިންނާއި އޮފިޝަލުންވެސް ވަނީ މިއީ އުނދަގޫ ވާދަވެރި މުބާރާތަކަށް ވާނެކަން ފާހަގަކޮށްފައެވެ. އަދި މުބާރާތުގައި ޓީމުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ރޭންކިން މަތިކުރުން ކަމަށްވެސް ބުނެފައިވެއެވެ. ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޮލީބޯޅައިގެ ދުނިޔޭގެ މައި އިދާރާގެ ރޭންކިންގައި ހިމެނިފައެވެ. ދުނިޔޭގެ ރޭންކިންގަށް ބަލާއިރު ރާއްޖެއަށް 63 ވަނަ ލިބޭއިރު، އޭޝިއާ ސަރަހައްދުން ރާއްޖެ ރޭންކުކޮށްފައިވަނީ 12 ވަނައިގައެވެ. ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ކާވާ ދެކުނު އޭޝިއާ ސަރަހައްދުގެ ރޭންކިންގަށް ބަލާއިރު އެއްވަނަ ލިބެނީ ނޭޕާލަށެވެ. މި ސަރަހައްދުން ރާއްޖެއަށް ދެވަނަ ލިބޭއިރު، ތިންވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. އަދި ވަރުގަދަ އިންޑިއާ އޮތީ ހަތަރުވަނައިގައެވެ. ދެކުނު އޭޝިއާއަށް ބަލާއިރު ސްރީ ލަންކާ، ޕާކިސްތާން އަދި ބޫޓާނަށް އަދި ރޭންކިން އިން ފުރުސަތެއް ނުލިބެއެވެ. މި ފަހަރުގެ ކާވާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ، ކިރްގިސްތާން އަދި ނޭޕާލާއެކު ޕޫލް އޭ ގަ އެވެ. ޕޫލް ބީގައި ހިމެނެނީ ބަންގްލަދޭޝް، ސްރީލަންކާ، ކަޒަކިސްތާން އަދި އީރާނެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިމަހުގެ 28 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 29 ވާ ހުކުރު ދުވަހުގެ ހަވީރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ