އީރާން އެއްބަސްވުން ހަދާއިރު އަރަބިން އިޒްރޭލު ބަލައިގަންނަ 'އަބްރަހަމް އެކޯޑްސް'ގައި ސޮއިކުރަންޖެހޭ: ޓްރަމްޕް

އީރާނާ އެކު ކުރެވެމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ސައޫދީ އަރަބިއްޔާ، ގަތަރު، ޕާކިސްތާން، ތުރުކީ، މިސްރު އަދި އުރުދުން ފަދަ އިސްލާމީ ގައުމުތަކުން އަބްރަހަމް އެކޯޑްސްގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ގޮވާލައްވައިފި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، މިދިޔަ ބަންދު ދުވަސްތަކުގައި އެ ގައުމުތަކުގެ ލީޑަރުންގެ އިތުރުން، މިހާރު ވެސް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ޔޫއޭއީ އާއި ބަހްރޭނުގެ އިސްވެރިންނާ އޭނާ ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި، ހުރިހާ ގައުމުތަކަކުން ވެސް ވަގުތުން އަބްރަހަމް އެކޯޑްސްގައި ސޮއިކުރުމަށް ވަނީ ބާރުއަޅުއްވާފަ އެވެ. އަދި ސަރަހައްދީ ގައުމުތަކުން މި ކޯލިޝަނާ ގުޅިއްޖެ ނަމަ، އީރާނާ އެކު ވެވޭ އެއްބަސްވުމަކީ މާ ތާރީހީ އަދި މުހިންމު ކަމަކަށް ވެގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، ޕާކިސްތާނުން ވަނީ މި ހުށަހެޅުމަށް ވަގުތުން އިންކާރުކޮށްފަ އެވެ. އެ ގައުމުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، އީރާނުގެ މަޝްވަރާތަކާއި އަބްރަހަމް އެކޯޑްސްއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެފަދަ އެދުމަކަށް ތަބާވުމުގެ އެއްވެސް މަޖުބޫރުކަމެއް ޕާކިސްތާނަށް ނެތް ކަމަށެވެ.
އެހެން އެއްވެސް ގައުމަކުން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް ބަހެއް ބުނެފައި ނުވި ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހާއްސަކޮށް ގާޒާގެ ހަނގުރާމައާ ގުޅިގެން އިޒްރޭލާ މެދު އޮތް އާންމުންގެ ނުރުހުމުގެ ސަބަބުން، މިކަމުގައި އަވަސް ކުރިއެރުމެއް ލިބުމަކީ ދުރު ކަމެކެވެ.
ސައޫދީ އަރަބިއްޔާގެ ނިންމުން އަދިވެސް އޮތީ އިޒްރޭލު ބަލައިގަތުމުގެ ކުރިން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މަގު ކަށަވަރުކުރުމުގެ މައްޗަށެވެ. މިސްރު، އުރުދުން އަދި ތުރުކީއަކީ ކުރިން ވެސް އިޒްރޭލާ އެކު ސިޔާސީ ގުޅުން އޮންނަ ގައުމުތަކެއް ނަމަވެސް، ގާޒާގެ މައްސަލައާ ގުޅިގެން އެ ގުޅުންތަކަށް ވަނީ ބޮޑެތި ނުތަނަވަސްކަންތަކެއް ކުރިމަތިވެފަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، ޓްރަމްޕް މަސައްކަތް ކުރައްވަނީ އޭނާގެ ފުރަތަމަ ދައުރުގައި ފެށި އަބްރަހަމް އެކޯޑްސް އަލުން ދިރުވުމަށްޓަކައި އީރާނުގެ މައްސަލަ ބޭނުންކުރެއްވުމަށެވެ. ސިޔާސީ ދިރާސާވެރިޔާ އަލީ ވާއިޒް ވިދާޅުވި ގޮތުގައި، ޓްރަމްޕް ބޭނުންވަނީ އީރާނުގެ އެއްބަސްވުމަކީ އަބްރަހަމް އެކޯޑްސްގެ ކުރިއެރުމެއްގެ ގޮތުގައި ދެއްކުމަށެވެ. ނަމަވެސް، ނާޒުކު އެއްބަސްވުމަކުން މުޅި ސަރަހައްދުގެ މަސްލަހަތު ބަދަލުކުރުމަކީ ދަތި ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ