ސްވިޓްޒަލެންޑްގެ ޖެނީވާގައި އީރާނާއި އެމެރިކާއާ ދެމެދު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ބައްދަލުވުން ނުބޭއްވުމަށް ނިންމައިފިއެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކޮށްފައިވާ ރަސްމީ ބައްދަލުވުން ނުބޭއްވުމަށް ނިންމުމާއެކު، ހުޅަނގު އޭޝިޔާގައި ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އުންމީދާ މެދު އަނެއްކާ ވެސް މި ވަނީ ސުވާލު އުފެދިފައެވެ. ސްވިޓްޒަލެންޑްގެ ޚާރިޖީ ވުޒާރާއިން ބުނީ، ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ބޭއްވުމަށް ތާވަލުކޮށްފައިވާ ބައްދަލުވުން ކެންސަލްކޮށްފައި ވަނީ، އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލްކުރެއްވުމާ ގުޅިގެން ކަމުގައެވެ.
އީރާނުގެ ތަސްނީމް ނޫސް އޭޖެންސީން ބުނީ، ޖެނީވާގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ޖޫން 17 ވަނަ ދުވަހު އަމަލުކުރަން ފެށި 14 ނުކުތާގެ މައްޗަށް އެކުލެވިގެންވާ އިބުތިދާއީ އެއްބަސްވުމަށް އެމެރިކާއިން އަމަލުކުރަން ފަށާފައިވާ ކަން ސާބިތުކޮށްދޭން ޖެހޭނެކަމަށް ތެހްރާނުން ޤަބޫލުކުރާ ކަމުގައެވެ. ސޮއިކުރުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް އެމެރިކާގެ އޮފިޝަލުން ބޭނުންވި ނަމަވެސް، އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނީ ދެ ޤައުމުގެ ރައީސުން ޑިޖިޓަލްކޮށް ސޮއިކުރައްވާފައިވާ އެއްބަސްވުމެއްގައި އަލުން ރަސްމީކޮށް ސޮއިކުރުމުގެ ބޭނުމެއް ނެތް ކަމުގައެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި 7،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައާއި މާލީ ބާޒާރުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ނަމަވެސް، ހަނގުރާމައިގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ކަމުގައި ޓްރަމްޕް އިޢުލާނު ކުރެއްވި އެއްވެސް ލަނޑުދަނޑިއެއް ހާސިލުވެފައި ނުވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ، ދުނިޔޭގެ އެންމެ ބާރުގަދަ ކަމަށް ދަޢުވާކުރާ ލަޝްކަރުގެ ޙަމަލާތަކާ އީރާނުން ކާމިޔާބުކަމާއެކު ކުރިމަތިލައި، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު ދެމެހެއްޓި މަންޒަރެވެ.
ޓްރަމްޕް ސޮއިކުރައްވާފައިވާ އެއްބަސްވުމުގެ ދަށުން އީރާނަށް ބޮޑެތި ކާމިޔާބީތަކެއް ވެސް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި، އީރާނާ ދެކޮޅަށް އަޅާފައިވާ އިޤުތިޞާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ފްރީޒްކޮށްފައި ނުވަަތަ ހިފަހައްޓާފައިވާ އެ ޤައުމުގެ އެތައް ބިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާ ދޫކޮށްލުން ހިމެނެއެވެ. އަދި، ހަނގުރާމައިގައި އީރާންގެ ރަށްތަކަށް ދީފައިވާ މާއްދީ ގެއްލުންތަކުން އަރައިގަނެ، އަލުން އާރާސްތުކުރުމަށް 300 ބިލިޔަން ޑޮލަރުގެ ފަންޑެއް އެކުލަވައިލުމަށް ވެސް ވޮޝިންގޓަނުން ވަނީ އެއްބަސްވެފައެވެ.
އީރާންގެ އިސް މުރުޝިދު އާޔަތުالله ސައްޔިދް މުޖުތަބާ ޙުސައިނީ ޚާމަނާޢީ ވިދާޅުވީ، ތެހްރާނާއެކު ޓްރަމްޕް ސުލްޙައިގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ "މަޖުބޫރީ ޙާލަތުގައި، ގޮތްހުސްވުމުން" ކަމުގައެވެ. މި އެއްބަސްވުމާ މެދު އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގައި ރިޕަބްލިކަން ޕާޓީ ތަމްސީލުކުރައްވާ މެންބަރުންގެ ފާޑުކިޔުން ޓްރަމްޕަށް އަމާޒުވަމުންދާއިރު، ހަނގުރާމައިގެ ޚަރަދުތަކަށް އިތުރު 80 ބިލިޔަން ޑޮލަރު ބޭނުންވާ ކަން ދިފާޢީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި އެއްބަސްވުމަށް ހުރަސްއެޅުމަށް ހައްދުފަހަނަ އެޅި ޔަހޫދީން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ލުބްނާނަށް ދެމުންދާ ނިރުބަވެރި ޙަމަަލާތައް އެއްބަސްވުމުގެ ދަށުން ހުއްޓައިލުމަށް ޔަހޫދީންނަށް މަޖުބޫރުވި ނަމަވެސް، ޔަހޫދީ ފައުޖުން އަދިވެސް ދަނީ ލުބްނާންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮންއަޅަމުންނެވެ. މި ގޮތުން، ޖޫން 19 ވަނަ ދުވަހު ދީފައިވާ ޢުދުވާނީ ޙަމަލާތަކުގައި 15 މީހުން ޝަހީދުކޮށްލާފައިވާ ކަމުގައި ލުބްނާންގެ އޮފިޝަލުން ހާމަކުރެއްވިއެވެ. ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އީރާނާއި އެމެރިކާއިން ޖެނީވާގައި ބައްދަލުނުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ