ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މައިނޯރިޓީގެ އަޑު ކަނޑުވާލުމުގެ ގޮތުން ބިލުތަކަށް ބަހުސް ކުރުމަށް އެމްޑީޕީއަށް ޖާގަ ނުދީ ވަގުތު ކުރުކޮށް އެޖެންޑާގެ އެހެން އައިޓަމްތަކަށް ދިއުން އާންމުވެފައިވާކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައުރޫފް ވަނީ މަޖިލީހުގެ ރިޔާސަތަށާއި، މަޖިލިސް ހިންގަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މައުރޫފް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުތަކާއި އުސޫލުތައް މުގުރާލުމަކީ މިހާރު އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ ތަޅުމާއި ކޮމިޓީތައް ހިންގަވަނީ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފަށްކަމަށެވެ.
މައުރޫފް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައި އެޖެންޑާ ކުރެވިފައިވާ ބިލަކަށް އިދިކޮޅު މެންބަރުން ބަހުސްކުރަން ތައްޔާރުވެފައި ތިއްބައި، އެ ފުރުސަތު ނުދީ ބަހުސް ކުރުކޮށްލުމަށްފަހު، ކުއްލިއަކަށް އެހެން ބިލަކަށް މައުޟޫއު ބަދަލުކޮށްލަ އެވެ. މިއީ މައިނޯރިޓީގެ އަޑު އިއްވިޔަނުދިނުމަށް ރާވައިގެން ކުރަމުންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ހަގީގަތަކީ މަޖިލީހުގެ ކޮމިޓީތަކަށް އެކަންޏެއް ވެސް ނޫން، މިހާރަކަށް އައިސް މި މަޖިލީހުގެ ފްލޯރ ވެސް ހިނގަނީ ގަވާއިދާ ހިލާފަށް. އަޅުގަނޑުމެން ބިލަކަށް ބަހުސްކުރަން ތައްޔާރުވެލާއިރަށް އިއްޒަތްތެރި ރައީސް ކުރައްވާ ކަމަކީ އިދިކޮޅުން އެއްޗެއް ބުނަން ފުރުސަތު ނުދީ އެ ބިލުގެ ބަހުސް ހުއްޓާލައި، މަޖިލިސް ކުރުކޮށްލާފައި އަނެއްކާ އަނެއް ބިލަށް ދަނީ
މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް އޮތް ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ތިބި މަދު މެންބަރުންގެ ވާހަކަތައް އަޑުއެހުމުގެ ގާބިލުކަން ރިޔާސަތުގެ ހުންނަންވާނެކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މަޖިލީހުގައި މިހާރު ތިއްބެވި އިދިކޮޅު 10 ނުވަތަ 12 މެންބަރުން ދައްކަވާ ވާހަކަ އަޑުއަހަން ރިޔާސަތުން ބޭނުންނުވަނީ އެކަމުގެ ސަބަބުން ސަރުކާރުގެ އިހުމާލުތައް ހާމަވެދާނެތީއެވެ.
މީގެ އިތުރުން، ކޮމިޓީ މަރުހަލާގައި ބިލުތައް ދިރާސާކުރުމުގެ މަސައްކަތް އިންތިހާއަށް ދޯދިޔާވެފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ. ބިލްތަކާ ގުޅުންހުރި މުއައްސަސާތަކާއި ފަންނީ ފަރާތްތައް ހާޒިރުކޮށްގެން މަޝްވަރާ ނުކުރެވޭކަމަށާއި، ކޮމިޓީތަކުގައިވެސް ބަހުސްކުރުމުގެ ފުރުސަތެއް ނުވަތަ އެ މާހައުލެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެއަށްފަހު ޕީއެންސީގެ މެމްބަރުންނަށް އަމާޒު ކުރައްވައި ވިދާޅުވީ، ވާހަކަ ދެއްކުމުގެ ހުއްދަ އޮންނަނީ ވެސް މަދު މެމްބަރުންނަށް ކަމަށެވެ. އެއީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ފަދަ މަދު މެމްބަރުންނަށް އޮތް ހުއްދައެއްކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
މަޖިލީހުގެ މަސައްކަތްތައް މިހާލަތަށް ދިއުމުން ބޮޑެތި ގޯސްތައް ހެދޭނެކަމަށާއި، އެ މަންޒަރު މިހާރުވެސް ފެންނަމުންދާކަމަށް މައުރޫފް ވިދާޅުވިއެވެ.
މަޖިލިސް ރިޔާސަތުން ދަނީ ބަހުސް ކުރުމަށް ފުރުސަތު ނުދީ، ވަގުތު ކުރުކޮށް އަޑު ކަނޑުވާލަމުން: މައުރޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ