މޭރީ މަރާލިކަން އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ސާބިތުވެއްޖެ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލިކަން އޭނާގެ ފިރިމީހާ މާވިން ވާގަސްގެ މައްޗަށް ސާބިތުވެއްޖެ އެވެ.
މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވި ނަމަވެސް، އެ މައްސަލައިގައި އަދަބެއް މިއަދު ކަނޑައެއް ނާޅަ އެވެ. މާވިންގެ ފަރާތުން އެދުނީ އެ މައްސަލައިގައި އަދަބު ކަނޑައެޅުން ފަސް ކޮށްދިނުމަށެވެ. އެހެންކަމުން ޝަރީއަތުން ނިންމީ މާވިންގެ މައްޗަށް އަދަބު ކަނޑައެޅުން އަންނަ މަހުގެ އެއްވަނަ ދުވަހަށް ފަސްކުރުމަށެވެ.
މާވިންގެ މައްޗަށް މިއަދު ސާބިތުވީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އޭނާގެ އިތުރުން އެ މައްސަލައިގައި މާވިންގެ ސިއްރު ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.
މި ދައުވާތަކަށް އިންކާރުކޮށް ލަމްހާ އާއި މާވިން ވަނީ ދިފާއީ ހެކިން ވެސް ހުށަހަޅައިފަ އެވެ.
މާވިން އާއި ލަމްހާއަކީ ވެސް އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރި ދެ މީހުންނެވެ. މޭރީ އަކީ ވެސް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރި ނަރުހެކެވެ.
މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.
އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.
އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ