12 ދުވަހަށް ބޭނުންވާ މުދާ އެތެރެކުރެވޭ މިންވަރަށް ބޭނުންކުރެވޭ ރިޒާވު ވެއްޓުނު: އަހުމަދު މުހައްމަދު

2023 ވަނަ އަހަރުގެ ޖުލައި މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 2 މަސް ދުވަހަށް ބޭނުންވާ ތަކެތި އިމްޕޯޓުކުރެވޭ މިންވަރަށް ފައިސާކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއިން ގެނެސްދޭ ”ޓޯކިންގް އިކޮނޮމީ“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަހުމަދު ވަނީ ދުނިޔޭގެ އެންމެ މުހިންމު އެއް މާލީ މުއައްސަސާކަމަށްވާ ވޯލްޑް ބެންކުގެ ރިޕޯޓެއްގައި ދިވެހިރާއްޖެއާއި ގުޅޭގޮތުން ބަޔާންކޮށްފައިވާ ބައެއް ކަންކަން ތިލަކޮށްދެއްވާފައެވެ.
ކަރަންޓު އެކައުންޓުގެ ޑެފެސިޓު ބޮޑުވަމުންދާކަމަށް ފާހަގަކޮށްފައިވާކަމަށް އަހުމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 2022 ވަނަ އަހަރު އެ އަދަދު ޖީޑީޕީގެ ނިސްބަތުން 8.7 އިންސައްތައިގައި ހުރިއިރު 2022 ވަނަ އަހަރު 16.8 އިންސައްތައަށް އިތުރުވެފައިވާކަމަށެވެ. އަހުމަދު ވިދާޅުވީ، 2021ގައި ހުރީ 455 މިލިއަން ޑޮލަރުގައިކަމަށްވާއިރު 2022ގައި 1.03 ބިލިއަނަށް އަރާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެކަމާއި ގުޅިގެން ޓްރޭޑް ޑެފެސިޓްވެސް އިތުރުވަމުންދާކަމަށާއި 2022 ވަނަ އަހަރު ވީއިރު 2.9 ބިލިއަނަށް އަރާފައިވާއިރު 2023 ވަނަ އަހަރުގައިވެސް އަދި ހުރީ އެ ހިސާބުގައިކަމަށް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ރަސްމީ ރިޒާވަށް ޕްރެޝަރު ބޮޑުވުމާއި ބޭރުގެ ލޮޅުންތަކުން ރާއްޖެއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް އިތުރުވަމުންދާކަމުގެ ވާހަކަވެސް ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށެވެ. އަހުމަދު ވިދާޅުވީ، 2022 ވަނަ އަހަރު ނިމުނު އިރު ރިޒާވުގައިހުރީ 3 މަސްދުވަހުގެ ތަކެތި އިމްޕޯޓުކުރުމަށް ބޭނުންވާ ވަރަށް ފައިސާކަމަށާއި 2023 ވަނަ އަހަރު އެ އަދަދު 2 މަސް ދުވަހަށް ބަދަލުވެފައިވާކަމަށް ވިދާޅުވިއެވެ. އަހުމަދު ވިދާޅުވީ، އެއީ ރަސްމީ ރިޒާވުގައި ހުރި އަދަދުތައް ކަމަށާއި ބޭނުންކުރެވޭ ރިޒާވުގައި ހުރި އަދަދުތައްވެސް ދަށަށް ދާކަން ފާހަގަކުރެވޭކަމަށެވެ.
އޭނާ ވިދާޅުވީ، 2022 ވަނަ އަހަރު ނިމުނު އިރު 268 މިލިއަން ޑޮލަރު ހުރިކަމަށާއި އެހެންނަމަވެސް 2023 ވަނަ އަހަރު 125 މިލިއަން ޑޮލަރަށް ވެއްޓުނުކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 268 މިލިއަން ޑޮލަރަކީ އެއް މަސް ދުވަހުގެ މުދާ އިމްޕޯޓުކުރަން ބޭނުންވާ އަދަދަށް ފައިސާކަމަށްވާއިރު 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހުރީ 12 ވަރަކަށް ދުވަހަށް ބޭނުންވާ ތަކެތި އިމްޕޯޓުކުރެވޭ ވަރަށް ފައިސާކަމަށެވެ. އޭނާ ވިދާޅުވީ ބަޖެޓު ޑެފިސިޓު ފޫބެއްދުމުގެ މަގުސަދުގައި ފައިސާ ޗާޕުކުރަމުންދިޔަކަމުގެ ވާހަކަވެސް ރިޕޯޓުގައި ހިމެނޭކަމަށެވެ.
އަހުމަދު ވިދާޅުވީ 2020 ވަނަ އަހަރުގެ ތެރޭގައި ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާތަކެއް ސަސްޕެންޑުކުރެވިފައިވާއިރު، 2023 ވަނަ އަހަރާއި ޖެހުނުއިރުވެސް އެ މާއްދާ އޮތީ އެގޮތުގެ މަތީގައިކަމަށެވެ. އޭނާ ވިދާޅުވީ، އެ މުއްދަތުގައި 8 ބިލިއަން ރުފިޔާ ޗާޕުކުރިއިރު އޭގެ ތެރެއިން 6 ބިލިއަންވަނީ ސެކިއުރިޓައިޒްކޮށްފައިކަމަށާއި 2023ގެ ނިޔަލަށް ސަރުކާރުން އެމްއެމްއޭއިން ނަގާފައިވާ ދަރަނީގެ އަދަދުތައް 13.8 ބިލިއަނަށް އަރާކަމަށެވެ. އަދި އެއީ އެމްއެމްއޭގެ ޖުމުލަ އެސެޓުތަކުގެ 56.8 އިންސައްތައާއި ހަމަކުރާ އަދަދެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް އޭނާވަނީ ދައުލަތުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން އާމްދަނީ އިތުރުވެގެންދިއުމުގެ މަންފާއެއް ނެތްކަމަށް ބަޔާންކޮށްފައިވާ ވާހަކައާއި ކެޕިޓަލް ހަރަދުތައް އިތުރުވަމުންދާއިރު ހަރަދު ކުޑަކުރުމަށްޓަކައި ސަބްސިޑީ ދިނުމުގެ އުސޫލަށް ބަދަލު ގެނެސްފައިނުވާކަމަށްވެސް އަލިއަޅުއްވާފައެވެ. އަދި ގައުމުގެ އިގްތިސާދަށްވުރެ ހަރަދު ބޮޑުކަމުގެ އިތުރުން 2026 ވަނަ އަހަރު ދައްކަންޖެހޭ ދަރަނީގެ އަދަދުތަކުގެ މައްޗަށްވެސް މި ފުރުސަތުގައި އަލިއަޅުއްވާފައެވެ. އެގޮތުން 2026ގެ ޑެޓް ސާވިސިންގް ހަރަދަކީ 1.07 ބިލިއަން ޑޮލަރުކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ