ނަޒަރިއްޔާގެ ތަފާތަކުން ފެންނަ މަންޒަރު ތަފާތުވެގެންދާކަމީ ރައްޔިތުން ދަންނާނެ ހަގީގަތެކެވެ. އެހެންކަމުން ތިމާ ކަމަކާއި މެދު ދެކޭ ގޮތަކީ ކޮންމެހެން އެކަން އޮތް ގޮތްކަމަށް ނުވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށްވެސް ގަބޫލުކުރަންވާނެއެވެ.
މިއަދު ރިޔާސީ އިންތިހާބު ގާތްވެ ކެމްޕެއިން ކުރެވެމުންދާއިރު، ކެންޑިޑޭޓުންގެ ކިބައިން ފެނިގެންދާ ކަންކަމާއިމެދު ގިނަ ވާހަކަތައް އެބަ ދެކެވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްއެވެ. ގާސިމް ނުރުހުންވެ ހުންނަވައި ހަރަކާތްތަކުގައި ވާހަކަދައްކަވާ ވީޑިއޯތައް ސޯޝަލްމީޑިއާގައިވެސް ދައުރު އެބަވެއެވެ.
އިދިކޮޅު ފަރާތްތަކުން ބުނާގޮތުން، ގާސިމްގެ ފަރާތުން ފެނިގެންދަނީ ވެރިކަމުގެ ތަހުތާއި ހަވާލުވެވަޑައިގަންނަވާ ފަރާތަކާއި ނުބައްދަލު މަންޒަރުތަކެކެވެ. އެހެންނަމަވެސް އެމަނިކުފާނު ހުންނެވީ ރައްޔިތުން ދެކެ ނުރުހުންވެފައެއް ނޫނެވެ. ފެނިގެންދަނީ ގައުމުގެ ހާލަތާއިމެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާކަމުގެ ހެކިތަކެކެވެ. ގައުމުގެ ހާލަތާއިމެދު ހިތާމަކުރައްވާކަމެކެވެ. ފެނިގެންދަނީ ގާސިމް އޭނާގެ އިހުސާސްތައް ފޮރުވައިގެން ނުހުންނަވާކަމެވެ. ފެނިގެންދަނީ އޭނާ ނިސްބަތްވާ ގައުމުގެ ރައްޔިތުންގެ ހާލަތު ފެނި، ވަކިން ގައުމެއްގައި ދިރިއުޅެވޭނެ ފެންވަރުގެ މަހުޖަނަކަށް ކުރަމުންދާ އަސަރުތަކެވެ.
ގާސިމްއަކީ ގައުމު ދެކެ އިންތިހާއަށް ލޯބިވާ އަދި އޭނާވެސް އެ ބުނާގޮތަށް ނުހައްގު ގޮތެއްގައި ބާރުގެ ބޭނުން ނުކުރައްވާނެ މީހެއްކަން ސާފުވާ ބައެއް ހެކިތައް މިއަދު އެބަ ފާހަގަކުރެވެއެވެ. ދިވެހިރާއްޖެ ޑިމޮކްރެސީއަށް ފެށި ދަތުރަށް އޮޑި ބިނާކޮށްދެއްވީ ގާސިމްއެވެ. އޭރުވެސް އޭނާ ހުންނެވީ ކަރުތާ ފެނުގައެއް ނޫނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައިވެސް ގާސިމްއަކީ ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއްކަމަށްވާއިރު، އޭރުގެ ހާލަތު އޮތް ގޮތަކަށް ބާއްވައި އޭނާއަށް އަމިއްލަ ހަޔާތައިގެން އުޅުއްވަން ފުރުސަތު ނެތްކަމަށް ނުބުނެވޭނެއެވެ.
އެހެންނަމަވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާކަމަށް ބުނާ ދަތިތަކުގެ އަޑު އައްސަވަންށާއި އެ މަންޒަރުތައް ބައްލަވަން ގާސިމްއަށް ނުހުރެވުނެވެ. އެހެންކަމުން އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަން ގާއިމުކޮށްދެއްވުމަށް ގާސިމްވަނީ އިހުލާސްތެރިކަމާއިއެކު މަސައްކަތްތައް ކޮށްދެއްވާފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަމަށް އާދެވުނީ ގާސިމް ރައްޔިތުންނަށް އެދުނު ހެޔޮތަކުގެ ސަބަބުންކަމާއިމެދު ރައީސް ނަޝީދަށްވެސް ދެބަސް ނުވެވޭނެއެވެ. އަދި ރައީސް ނަޝީދު މަގުން ކައްސާލިކަމަށް ފެނި ރައްޔިތުން އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެދުމުން އެކަމުގައިވެސް ރައްޔިތުންނަށް އެހީތެރިވެވަޑައިގެންނެވިއިރު، ރައްޔިތުން އެދުނު ގޮތުގެ މަތިން އިދިކޮޅު ޕީޕީއެމް އަށްވެސް އެ ފުރުސަތު ހޯދައިދެއްވުމަށް މަސައްކަތްކުރެއްވިއެވެ.
އެ ހިސާބުން އަދި ނުނިމެއެވެ. ޕީޕީއެމްގެ ވެރިކަމެއް ގާއިމުކުރެވުމަށްފަހު، ރައްޔިތުންގެ ތެރެއިން އަގުލަބިއްޔަތަށް އޭރުގެ ވެރިޔާ އަބްދުﷲ ޔާމީންއަކީ އަނިޔާވެރި މީހެއްކަމަށް ގަބޫލުކުރެވުމާއިއެކު، އަނެއްކާވެސް ގާސިމް އޭނާގެ ޖާނާއި މާލު ނުރައްކަލުގެ ތެރެއަށް ހުށައަޅައި ރާއްޖޭގެ ރައްޔިތުން އެދުނު ގޮތަށް ވެރިކަމެއް ގާއިމުކުރެއްވުމަށް މަސައްކަތްކުރައްވައި މިހާރުގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވެރިކަމަށް ގެންނެވުމުގައި މުހިންމު ރޯލެއް އަދާކުރެއްވިއެވެ. ނައިބު ރައީސްގެ މަގާމަށް ޖުމްހޫރީ ޕާޓީގެ މީހަކު އައްޔަނު ކުރީ ގާސިމް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ނެވެ. ރައްޔިތުންގެ މި ވެރިކަންތައް ގާއިމުކޮށްދިނުމުގައި ގާސިމް ބުރަ މަސައްކަތްތަކެއް ކުރެއްވިއިރު، އަދި ފައިސާތަކެއް ޕަމްޕު ކުރެއްވިއިރު، އަމިއްލަފުޅަށް ތަހުތު ހޯދުމަށް އެ ބުނާ ފައިސާތައް ޕަމްޕު ނުރެއްވީ އެއީ ރައްޔިތުން އެންމެ އޭރު އެދުނީ އެމްޑީޕީ އަދި ޕީޕީއެމްގެ ވެރިކަމެއް ގާއިމުކުރުމަށް ކަމަށް ސާފުކޮށް ފެންނަން އޮތުމުންކަމަށް ބެލެވެއެވެ.
އެހެންކަމުން ގާސިމްއަކީ އާރާއި ބާރު ހުރި ނަމަވެސް އެކަމުގެ ނުހައްގު ބޭނުންތަކެއް ކުރައްވާނެ ފަރާތެއް ނޫންކަމަށް ބެލެވިދާނެއެވެ. ޔަގީނުންވެސް އެމްޑީޕީގެ ދެ ވެރިކަން ގެނައުމަށް ކުރެއްވި ހަރަދުތަކަކީ ރައްޔިތުންގެ ހައްގުގައި ކުރެއްވި ހަރަދުތަކެކެވެ. އަދި އޭނާއަށް ފުރުސަތު ނުދިން ނަމަވެސް ރައްޔިތުންނާއި މެދު ހިތް ބުރަކަމެއްވެސް ނުގެންގުޅުއްވާކަން ރަނގަޅަށްވެސް ސާފުވެގެންދެއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން އިތުރު މުހިންމު ކަންތައް ތަކެއްވެސް ފާހަގަކުރެވިއްޖެއެވެ. ރައްޔިތަކު ބުނެލާ ބަހަކުން ގާސިމްއަށް ލައްކަ އަސަރުކުރެއެވެ. ނުރުހުންވެވަޑައިގަންނަވާ މަންޒަރުތައްވެސް ފެނިގޮސްފިއެވެ. އެހެންނަމަވެސް މިކަމަކީ އެ މީހަކުގެ ނަޒަރިއްޔާ ހުރި ގޮތަކުން ރަނގަޅު ނުވަތަ ގޯސްވެގެންދާކަމެކެވެ. އެއް ނަޒަރިއްޔާއިން ބަލާ ނަމަ ގާސިމްއަށް ރައްޔިތުން އޭނާ އާއި މެދު ދެކޭ ގޮތް އިންތިހާއަށް މުހިންމުކަން އަދި ރައްޔިތުން އޭނާއަށް ކުރާ އިތުބާރުގެ މުހިންމުކަން ފެނިގެންދެއެވެ. ފެނިގެންދަނީ ގާސިމް ރައްޔިތުންގެ ބަހާއި އިހުސާސްތައް އަގުކުރައްވާ މިންވަރެވެ.
ވެރިކަމަށް އަންނަ މީހަކީ ރައްޔިތުން ބުނާ ބަހަކަށް ނުގުޑާ މީހަކަށްވުމީ އެންމެ ރަނގަޅު ގޮތް ނޫންކަން މީގެ ކުރީގެ ވެރިކަން ތަކުގައި ފެނިގޮސްފިއެވެ. ބައެއް ވެރިންގެ މައްޗަށް ރައްޔިތުންވަނީ ގައުމު ވިއްކާލި ކަމާއި، ވައްކަން ކުރި ކަމުގެ ތުހުމަތުގެ އިތުރުން ދިވެހިރާއްޖެއިން އިސްލާމީ އަސާސްތައް ފޮހެލުމަށް މަސައްކަތްކުރާކަމުގެ ތުހުމަތަތުތައްވެސް އަމާޒުކޮށްފައިނަމަވެސް، އަދި މިހާރުވެސް އެ ވާހަކަތައް ފައްޗަކަށް ގޮވަމުންދާއިރު ލަދުން ރައްޔިތުން ކުރިމައްޗަށް އަރަން ނުކެރުމުގެ ބަދަލުގައި ދެވަނަ ފަހަރަކަށް ވެރިކަމެއް ދޭން އެދި ޕޯޑިއަމްތަކުގައި ވާހަކަތައް ދައްކަވާނީ ރައްޔިތުން ބުނާ ބަހަކީ އެ ބަޔަކަށް އެހާ މުހިންމު އެއްޗަކަށް ނުވާތީކަމަށްވެސް ބެލެވިދާނެއެވެ. އެފަދަ ވެރިންނަކީ ރައްޔިތުންނަށް ބެލުމެއް ނެތި ވެރިކަން ކުރާނެކަމަށް ބެލެވިދާނެ ބައެކެވެ.
އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިންނަށް އޮތީ އާންމުންގެ އިހުސާސްތަކުގެ އަސަރު ނުކުރާނެ ބަޔަކު ނުވަތަ ރައްޔިތުންނަށް ކުރާ އަސަރެއް ކުރާ ވެރިޔަކު ތަހުތަށް ގެނައުމަށް ނިންމުމެވެ. ޔަގީނުންވެސް މިއަދު ޖޭޕީގެ ކެމްޕެއިންގެ ތެރެއިން އެ ޕާޓީގެ ކެންޑިޑޭޓުގެ އަސްލު ސިފަ ފެނިއްޖެއެވެ. ގާސިމްއަކީ ރައްޔިތުން ވަގަށް ގޮވާ އަޑު އައްސަވަން ބޭނުންވާނެ އަދި އެފަދަ ހާލަތެއް މެދުވެރިވެދާނެ ފުރަތު ދެއްވާނެ މީހެއް ނޫންކަން ޔަގީނެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވި ވެރިކަންތައް ގެނައުމުގައި ކޮށްދެއްވާފައިވާ މަސައްކަތްތަކަކީ އޭނާގެ ވެރިކަންކުރައްވާނީ ރައްޔިތުން އެދޭ ގޮތެއްގެ މަތިންކަމުގެ ސާފު ހެއްކެކެވެ.
ގާސިމް: އަމިއްލަ ވެރިކަމެއްގެ ބަދަލުގައި ރައްޔިތުން އެދޭ ވެެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާ ލީޑަރެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ