ދަރިންގެ ހިތްތަކުގައި ޤައުމިއްޔަތު އަށަގެންނުވީ ލިޔުންތެރިން: ވަޒީރު ހީނާ

ދިވެހި ލިޔުންތެރިންނަކީ ތަހުޒީބީ ފިކުރާއި ގައުމިއްޔަތުގެ ރޫހު ދަރިންގެ ހިތްތަކުގައި އަށަގެންނެވި ބައެއްކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ މިއަދު ފާހަގަކުރަމުންދާ ލިޔުންތެރިންގެ ދުވަހުގެ ތަޙުނިޔާ ދިވެހި ލިޔުންތެރިންނަށް ފޮނުވާފައެވެ. ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ލިޔުންތެރިންނަކީ "އަލްއިޞްލާޙު"ގެ އިލްމީ މަޒުމޫނުތަކުން ގައުމު ހޭލުންތެރިކުރުވައި، "ވާހަކަ ކޮމިޓީ"ގެ އުފެއްދުންތެރިކަމުން ދިވެހިންގެ ކިޔުންތެރިކަމަށް ހިތްވަރުދެއްވައި، ތަހުޒީބީ ފިކުރާއި ގައުމިއްޔަތުގެ ރޫހު ދިވެހި ދަރިންގެ ހިތްތަކުގައި އަށަގެންނެވި ބައެއްކަމަށެވެ. އަދި އެއީ އެ ކޮންމެ ލިޔުންތެރިއަކު ވެސް ޒިންމާ އަދާކުރައްވައި، "އަމާނާތްތެރި ލިޔުންތެރިއަކަށް ވަމާ!"ހޭ މިފަދައިން ވިދާޅުވެ، ލިޔުންތެރިން އެ އަމާނާތް އަދާކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ހީނާ ވަލީދު ވަނީ ދިވެހި ލިޔުންތެރިކަމަށް އާރޯކަމަށް އެދިވަޑަިއގެން ދިވެހި ކިޔުންތެރިކަން ކުރިއެރުމަށްވެސް އެދިފައެވެ.
ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ޤައުމެއް ތަރައްޤީވެ ކުރިއަރާ ދިއުމުގައި އާންމު އަޚުލާގު ހިފެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ދައުރު އަގުވަޒަންކުރުމުގެ ގޮތުންނެވެ. އަދި ދިވެހި ބަހާއި އަދަބިއްޔާތު ކުރިއެރުވުމަށްޓަކައި ލިޔުންތެރިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، އައު ލިޔުންތެރިން އުފެއްދުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. ލިޔުންތެރިކަމަކީ ބަހެއް ދިރުވައި، މުޖުތަމަޢަށް ހޭލުންތެރިކަން ގެނެސްދޭނެ އެންމެ މުހިންމު އެއް ވަސީލަތެވެ.
ލިޔުންތެރިކަމުގެ ސަބަބުން އެއް ޖީލުން އަނެއް ޖީލަށް އާދަކާދައާއި ސަޤާފަތް ފަދަ، ޤައުމިއްޔަތުގެ ބަހާތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ