ރާއްޖެ ޒިޔާރަތްކުރާ ކޮންމެ ހަތަރު މީހަކުން އެކަކު އެނބުރި އާދޭ: ދިރާސާ

ރާއްޖެ އަންނަ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކު އަބަދު ވެސް ރާއްޖެއަށް އެނބުރި އަންނަ ކަމަށް، ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރާއްޖެއަށް އަންނަ މީހުންގެ މެދުގައި ނެގި 2025ވަނަ އަހަރުގެ ސާވޭން ދައްކާ ގޮތުގައި ކޮންމެ ދިހަ މީހުންގެ ތެރެއިން އަށް މީހުން އަބަދު ވެސް ފުރަތަމަ އިޚްތިޔާރުކުރަނީ ރާއްޖެއެވެ. އެއީ 78 އިންސައްތައެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 19 އިންސައްތަ މީހުން ބުނީ އެ މީހުން އެންމެ ފުރަތަމަ ދާން ބޭނުންވާ ގައުމުތަކުގެ ތެރޭ ރާއްޖެ ހިމެނޭ ކަމަށެވެ. ތަފާސްހިސާބުތަކުގައިވާ ގޮތުން ރާއްޖެ އަންނަ މީހުންގެ މެދުގައި ރާއްޖެއަށް ފަހު ދެން މަގުބޫލީ ތައިލޭންޑާއި އަވައްޓެރި ސްރީލަންކާއެވެ. އެއަށްފަހު ރާއްޖެ އަންނަ މީހުންގެ މެދުގައި ދެން މަގުބޫލީ އިންޑޮނީޝިއާގެ ބާލީއާއި ދުބާއީއާއި މޮރިޝަސްއެވެ. ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންތަކެއް -- ފޮޓޯ: އެމްއޭސީއެލް ގިނަ މީހުން ރާއްޖެ ޚިޔާރުކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ރާއްޖޭގައި ސާފު ގޮނޑުދޮށްތައް އޮންނާތީއެވެ. އެގޮތުން 11 އިންސައްތަ މީހުން ރާއްޖޭގެ ގޮނޑުދޮށްތަކާއި ކަނޑުއަޑި ބަލައިލަން އަންނަ އިރު، ފަސް އިންސައްތަ މީހުން އަންނަނީ ރާއްޖެއަކީ ވަގުތު ހޭދަކޮށްލަން އަމާން މާހައުލެއް ކަމަށް ވާތީއެވެ. ރާއްޖެ އަންނަ ގިނަ މީހުން ދަތުރުތައް ރާވަނީ ރާއްޖެ އައުމުގެ ތިން މަސްދުވަހާއި 12 މަސްދުވަހާ ދެމެދުގެ މުއްދަތުގެ ކުރިން ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ. އޭގެ ތެރެއިން ދަތުރުތައް ދުރާލައި ރާވަނީ ރިސޯޓުތަކާއި ސަފާރީތަކުގައި މަޑުކުރާ މީހުންނެވެ. މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 73 އިންސައްތަ މީހުންނަކީ ރާއްޖެއަށް އަލަށް އައި މީހުންނެވެ. ވިހި އިންސައްތަ މީހުން ދެ ފަހަރާއި ފަސް ފަހަރާ ދެމެދު ރާއްޖެ އައިއިރު، ތިން އިންސައްތަ މީހުން ރާއްޖެއަށް 10 ފަހަރަށް ވުރެ ގިނައިން އައިސްފައިވެއެވެ. ރާއްޖެ އަންނަ މީހުންގެ ތެރެއިން 77 އިންސައްތަ މީހުން ރާއްޖޭގައި ކުރެވުނު ތަޖުރިބާއާ މެދު ހިތްހަމަޖެހެއެވެ. އަދި 84 އިންސައްތަ މީހުން ރާއްޖެއަށް އަލުން އަންނަން ބޭނުންވާ ކަމަށް، ސާވޭގައި ބައިވެރިވި މީހުން ބުނެފައިވެއެވެ. ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންތަކެއް -- ފޮޓޯ: އެމްއޭސީއެލް ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 57 އިންސައްތަ މީހުން ދެކޭ ގޮތުގައި ރާއްޖޭގައި ކުރެވުނު ތަޖުރިބާ ހީކުރި ވަރަށް ވުރެ ރަނގަޅެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް 1.17 މީހުން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެކަމަކު އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 4.7 އިންސައްތަ މަދު އަދަދެކެވެ. އެ ތަފާސްހިސާބުތަކުގައިވާ ގޮތުން މި މަހު މިހާތަނަށް 104،040 މީހުން ރާއްޖެ އައިސްފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި މި ދުވަސްވަރަކީ ފަތުރުވެރިން ރާއްޖެއަށް މަދުން އަންނަ ދުވަސްވަރެވެ. މީގެ އިތުރުން، މިދިޔަ ފެބްރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައެވެ. އޭގެ ސަބަބުން ސިނާއަތަށް ގެއްލުންވެ، ގައުމަށް ޑޮލަރު ލިބޭ މިންވަރު ވެސް އަންނަނީ މަދުވަމުންނެވެ. އެ ހަނގުރާމައިގެ ސަބަބުން، މިދިޔަ މާރިޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މަހާ އަޅައިބަލާއިރު 20.7 ޕަސެންޓް ދަށްވެފައެވެ. އޭޕްރިލް މަހު ވެސް ފަތުރުވެރިންގެ އަދަދު 24.4 ޕަސެންޓް ދަށްވިއިރު، މިދިޔަ މެއި މަހު 1.7 ޕަސެންޓްގެ ކުޑަ އިތުރުވުމެއް ފެނިފައިވެއެވެ. ނަމަވެސް ޖޫން މަހު އަނެއްކާވެސް އެ އަދަދު ވަނީ 12 ޕަސެންޓް ދަށްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ