މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ތެޔޮ ފީފާއެއްގެ އަގު 90 ޑޮލަރަށް ވުރެ މައްޗަށް

މެދުއިރުމަތީގައި އެމެރިކާ އާއި އީރާނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ވަރުގަދަވެ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ އުފުލާ ބޯޓުފަހަރަށް ހުރަސްތަކެއް ކުރިމަތިވުމާ ގުޅިގެން ބްރެންޓް ސާފުތެލުގެ އަގު ދެ އިންސައްތަ އުފުލި، ފީފާއެއްގެ އަގު 90 ޑޮލަރަށް ވުރެ މައްޗަށް ހިނގައްޖެއެވެ.
މިދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ ސިފައިން އީރާނަށް އަމާޒުކޮށް ޖެހިޖެހިގެން ނުވަ ވަނަ ރެޔަށް ހަމަލާތައް ދީފައިވާއިރު، އެމެރިކާގެ ބައިވެރިން ކަމަށްވާ ކުވެއިތާއި ބަހްރޭނުން ވެސް ވަނީ އީރާނުން ދެމުންދާ ހަމަލާތައް އިތުރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
އައިއެންޖީގެ އެނަލިސްޓުން ވިދާޅުވާ ގޮތުގައި ގަލްފް ސަރަހައްދުގައި ހަމަލާތައް ބަދަލުކުރުން ހުއްޓުމެއް ނެތް ނަމަ، މުޅި ސަރަހައްދަށް ފުޅާވެގެންދާ ފަދަ ނުރައްކާތެރި ހަނގުރާމައެއްގެ މާހައުލަކަށް ކަންކަން ބަދަލުވެގެން ހިނގައިދާނެ އެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ބުނި ގޮތުގައި ހޮރްމޫޒް ކަނޑުއޮޅީގެ ދެކުނު މަގުން ދަތުރުކުރަން އުޅުނު ތެޔޮ އުފުލާ ދެ ބޯޓެއް ގޮވައި، ދަތުރުނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.
އީރާނުން ތުހުމަތުކުރާ ގޮތުގައި އެ ބޯޓުފަހަރަށް އެ މަގުން ދަތުރުކުރުމަށް ހިތްވަރުދިނީ އެމެރިކާގެ ސިފައިންނެވެ. މީގެ އިތުރުން ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ވެސް ވަނީ އޮމާންގެ ކުމްޒާރުގެ ހުޅަނގު އުތުރުން ބޯޓެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް ބުނެފައެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސް ބައިކުޅަ އެއްބައި ހިއްސާކުރާ ހޮރްމޫޒް ކަނޑުއޮޅީގައި ދެ ފަރާތުން ބްލޮކޭޑް ނުވަތަ ދަތުރުފަތުރު ހުރަސްކުރުމުގެ ފިޔަވަޅުތައް އަޅަމުންދާތީ، އެ ސަރަހައްދުން ދަތުރުކުރާ ކާގޯ ބޯޓުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އެލްއެސްއީޖީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާދީއްތަ ދުވަހު އެ ކަނޑުއޮޅިން ދަތުރުކޮށްފައިވަނީ އެންމެ ހަތަރު ބޯޓެވެ. ބާކްލޭސްގެ އެނަލިސްޓުން ފާހަގަކުރާ ގޮތުގައި މިހާރު ތެލުގެ ރިޒާވް ހުރީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވެސް އެންމެ ދަށްވި މިންވަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ