ފުލުހުންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް "ބްލޫސް ރީ-ޓްރެއިނިން ޕްރޮގްރާމް" ފަށައިފި
ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހިންގާ "ބްލޫސް ރީ-ޓްރެއިނިން ޕްރޮގްރާމް 2026" ދ. ވާނީގައި ފަށައިފިއެވެ. ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ސެންޓާ ފޯ ޕަބްލިކް ސޭފްޓީ އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ކުރިއަށްގެންދާ މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ފުލުހުންގެ މުއައްސަސާއިން ބުނި ގޮތުގައި، ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޒަމާނީ ފުލުހުންގެ ޚިދުމަތުގައި ދިމާވާ ގޮންޖެހުންތަކަށް ފުލުހުން އަހުލުވެރިކުރުވުމެވެ. އަދި މިއީ ޒިންމާދާރު، ފަންނީ އަދި ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ފުލުހުންގެ މުއައްސަސާއެއް ބިނާކުރުމަށް މަގުފަހިކުރުވުމުގެ ގޮތުން ފެށި މަސައްކަތެއް ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ. މި ތަމްރީނުތަކުގައި ކިޔަވައިދޭ މޮޑިއުލްތަކުގެ ތެރޭގައި އިންޓާނަލް އެތިކްސް، ޑިޖިޓަލް ޓްރާންސްފޯމޭޝަން އެންޑް އޭއައި، އޮޕަރޭޝަނަލް ޕޮލިސިން އަދި ސިނާރިއޯ ބޭސްޑް ޓްރެއިނިން ހިމެނެއެވެ. މީގެ އިތުރުން، ތަފާތު ޙާލަތްތަކުގައި އަވަސް ނިންމުންތައް ނިންމުމާއި، މައްސަލަ ޙައްލުކުރުމުގެ ހުނަރުތައް ތަރައްގީކުރުމަށްވެސް މި ޕްރޮގްރާމުގައި އިސްކަންދޭނެ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމައެހެންމެ، މުޢާމަލާތްކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުނަރުވެސް މި ޕްރޮގްރާމުގެ ތެރެއިން ދަސްކޮށްދޭނެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރު އަމާޒުކޮށްފައިވަނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންނަށެވެ. އެގޮތުން، ކޮންސްޓަބަލް ރޭންކުން ފެށިގެން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކާ ދެމެދުގެ ޖުމްލަ 98 ފުލުހަކު މިހާރު އަންނަނީ ވާނީގައި ކުރިއަށްދާ މި ޕްރޮގްރާމުގައި ބައިވެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ