މަސްއޫލިއްޔަތު އަދާކުރާނީ ވަފާތެރިކަމާއި އިހްލާސްތެރިކަމާއި އެކު: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ވަފާތެރިކަމާއި އިހްލާސްތެރިކަމާއި އެކުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް މިރޭ އިންތިހާބު ވެގެންދިޔަ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިރޭ ނެގުނު ސިއްރު ވޯޓް ކާމިޔާބު ކުރެއްވުމަށްފަހު މަޖިލިސް ގޭދޮށުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ހުންނަވާނީ ގައުމާއި ދައުލަތަށް ވަފާތެރިކަމާއި އެކުގައި ކަމުގައެވެ. އަދި މަޖިލީހުގެ ރިޔާސަތުގައި މަސައްކަތް ކުރައްވާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމްދީނަށް އިހްލާސްތެރިކަމާއި އެކުގައި ކަމުގައެވެ.
ގާސިމްވަނީ މަޖިލީހުގެ މެމްބަރުންނަށާއި އިދިކޮޅު ކޯލިޝަންގެ ލީޑަރުންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާއިރުވެސް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް އެއްބާރުލުންދީ ވަފާތެރިކަމާއި ތެދުވެރިކަމާއިއެކު މަސައްކަތް ކުރައްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
މަޖިލިސްގެ ރައީސްގެ މަގާމަށް ގާސިމް އިންތިހާބު ކޮށްފައިވަނީ މަޖިލިސްގެ ރައީސްގެ މަޤާމަށް މެމްބަރަކު އިންތިހާބު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ނެގުނު ސިއްރު ވޯޓަކުންނެވެ. ގާސިމާއި ވާދަކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
މަޖިލީހުގެ ރައީސްއަކު އިންތިހާބު ކުރުމަށް މިރޭ ނެގުނު ސިއްރު ވޯޓްގައި ގާސިމަށް ވޯޓް 62 ލިބިލެއްވިއިރު އަބްދުއްރަހީމަށް ލިބިލެއްވީ 16 ވޯޓެވެ. މިރޭގެ ވޯޓްގައި ޖުމްލަ 80 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އިރު ދެ ވޯޓްވަނީ ބާތިލް ވެފައެވެ.
ގާސިމްގެ ނަން މަޖިލީހުގެ ރައީސްކަމަށް ހުށަހެޅުއްވީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އަދި ހިންނަވަރު ދާއިރާގެ މެމްބަރު މުހައްމަދު ޞާލިހްއެވެ. ގާސިމްގެ ނަމަށް ތާއީދު ކުރެއްވީ އިންތިހާބީ ނައިބު ރައީސް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.
މަޖިލިސް ރައީސްގެ މަޤާމަށް ގާސިމާއި ވާދަކުރެއްވި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ނަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ. އަބްދުއްރަހީމްގެ ނަމަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އެވެ.
މަޖިލިސް ރައީސްގެ މަޤާމަށް ގާސިމް އިންތިހާބު ކުރެވުނު އިރު މަޖިލީހުގެ ކުރީގެ ރައީސް ފުއްވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް މިރޭ ނަގާނެކަމަށް ބެލެވިފައި ވަނިކޮށް މަސީހްވަނީ މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ