ގަޑިޖެހޭ މެންބަރުންނަށް ފިޔަވަޅު އެޅޭނެ ގޮތެއް ހޯއްދަވަން ގާސިމް މަސައްކަތް ފައްޓަވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގަޑިއަށް ޖަލްސާއަށް ހާޒިރުނުވާ މެންބަރުންނަށް ފިޔަވަޅު އެޅުމަށް މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ފޮނުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ މަޖިލިސް ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް މެންބަރުން ހާޒިރުވެވަޑައިނުގަތުމުން ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ނުލިބި ޖަލްސާ ފަށާ ގަޑި ފަސްކުރަންޖެހުމާ ގުޅިގެންނެނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ފަށަން ހަމަޖައްސާފައިވަނީ ގަޑިއަކީ ހެނދުނު 9:00 ޖަހާއިރު އެވެ. ނަމަވެސް މިއަދު ޖަލްސާ ފަށަން ހަމަޖެހިފައި އޮތް ވަގުތު ޖެހުނުއިރު ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ފަސްކުރުމަށްފަހު މިއަދުގެ ޖަލްސާ ފެށީ ހެނދުނު 9:30 ގައެވެ.
މިހާރު މަޖިލީހުގެ ޤަވައިދު އޮންނަ ގޮތުން މަޖިލީހަށް ހާޒިރުނުވި ނަމަވެސް، އަދި ގަޑި ޖެހުނު ނަމަވެސް މެންބަރުންނާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ. ބައެއް މެންބަރުން މަޖިލީހުގެ އިދާރާ އަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް ޖަލްސާ ކުރާ މާލަމަށް ވަޑައިނުގެން ތިއްބަވައެވެ.
އެހެން ވަޒީފާތަކާއި ހިލާފަށް މަޖިލިސް މެންބަރުންނަށް އާދަޔާއި ހިލާފު ބޮޑު މުސާރަައެއް ލިބިވަޑައިގަންނަވާއިރު ވެސް މެންބަރުން ޖަލްސާއަށް ހާޒިރުނުވާ މައްސަލަ އާއި ގިނައިން ޗުއްޓީ ނަގާ މައްސަލަ އަކީ ރައްޔިތުންގެ ގިނަ ދުވަސްވީ ޝަކުވާއެކެވެ. ނަމަވެސް މިޝަކުވާއަށް ހައްލެއް ހޯއްދަވައި ދެއްވޭނީ ވެސް މެންބަރުންނަށް ކަމަށްވެފައި އެއީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތު އޮންނަ ކަމަކަށް ވާތީ ރައްޔިތުން ބޭނުންވާ ބަދަލުތައް މިކަމަށް ގެނެވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ