ފެނަކައިގެ އެޑްމިން ސްޓާފުންނަން ހަވީރު 5 ގެ ފަހުން އޮފީހަކަށް ނުވަދެވޭ!

ފެނަކަ ކޯރޕަރޭޝަން އެޑްމިނިސްޓްރޭޝަންގެ މުވައްޒިފުންނަން ހަވީރު ފަހެއްގެ ފަހުން އޮފީހަށް ނުވަދެވޭނެ ކަމަށް އެކުންފުނިން އަންގައިފިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާ އެކު ސަރުކާރު ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދާ މި ދަނޑިވަޅުގައި ފެނަކަ ކޯޕަރޭޝަންގެ މައި އޮފީހުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ހަވީރު  5 ގެ ފަހުން ނުވަދެވޭނެ ކަމަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގައެވެ. ސަރުކާރުގެ ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަން މަސައްކަތްކުރާ މި ދަނޑިވަޅުގައި ފެނެކައިން މިފަދަ ނިންމުމުން އެކުންފުނީގެ ގިނަ މުވައްޒިފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބުރާސްފަތި ދުވަހު ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރ ޔުސްރާ އަބްދުﷲ ސޮއިކުރައްވާ އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 17:00 ގައި އޮފީސް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން ހަވީރު 16:45 ގެ ކުރިން ސައިން އައުޓް ކުރެއްވުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ހަވީރު 17:00 ގެ ފަހުން މަސައްކަތްކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ދުރާލާ އެ ޑިޕާޓްމެންޓްއަށް އަންގަވައިގެން، ޑިޕާޓްމެންޓްގެ ހެޑްގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް އަންގާފައިވެއެވެ.
ފެނަކައިން މިގޮތަށް ނިންމާފައި ވަނީ ދައުލަތުގެ އެކި އިދާރާތަކުގެ ހުރި ލިޔެކިޔުންތަކަކީ ރައްކާތެރިކޮށް، ބަލަހައްޓަންޖެހޭ އެއްޗެއް ކަމަށާއި ލިޔެކިޔުންތައް ނައްތާލުމަކީ ގާނޫނީ ބޮޑު ކުށަކަށްވާތީ، އެކަމުން ސަލާމަތްވެ ތިއްބެވުމަށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި ރައްޔިތުން ތިއްބެވުމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިއާ އަހުމަދުދީދީ ގޮވާލާފައި ވަނިކޮށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ