ފައިސާ ގޯނި ވާހަކައަކީ ސިޔާސީ ދޮގެއް - މުޙައްމަދު އިސްމާއިލް

ފައިސާ ގޯނިތަކެއް ބެހި ވާހަކައަކީ ސިޔާސީ ގޮތުން ދެއްކި ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދެއްވި ފައިސާ ގޯނި ހިފައިގެން އެމްޑީޕީގެ މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ ތަހުޤީގު ކޮށްފައެވެ. އެ ތަހުގީގާ ގުޅިގެން އެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި، އިސްމާއިލް މުޙައްމަދާ ހަވާލާދީ ބުނެފައިވަނީ އެއީ ސިޔާސީ ގޮތުން ދެއްކެވި ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާއެއް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކާ ހަވާލުކުރަން އޭނާއަށް ލިބިފައިނުވާ ކަމަށްވެސް އެ ބަޔާނުގައި އޭނާ ވިދާޅުވެފައިވާ ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެއިތުރުން އެ ބަޔާނުގައި އޭނާ ވިދާޅުވި ކަމަށް ބުނެފައި ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގެ 60 އިންސައްތަ ސިޔާސީ ޕާޓީއެއްގެ ބޭފުޅުންގެ އަތުގައި ހުރި ކަމާއި، އޭނާގެ އަތުގައި ފައިސާގެ ބައެއް ހުރި ކަމަށް ދެއްކެވި ވާހަކަތަކަކީވެސް އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށް އޭސީސީއިން ބުނެއެވެ. އޭސީސީއިން ބުނި ގޮތުގައި މުހައްމަދު އިސްމާއިލް ވަނީ އެއީ ސިޔާސީ ގޮތުން ފޯރި އާއި ޖަޒުބާތުގައި ދެއްކެވި ވާހަކަތަކެއް ކަމަށް ވިދާޅުވެފަެވެ. އެގޮތަށް އެވާހަކަ ޓީވީ ޗެނަލްތަކުގައި ދައްކާފައިވަނީ މުޅި ޤައުމުގެ މަސްލަހަތަށްކަމަށް އޭނާ ވިދާޅުވެފައި ވާކަމަށް އެ ބަޔާނުގައިވެއެވެ. އެގޮތުން އެކަމުގައި ޤައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭކަމަށާއި، ސިޔާސީ މީހަކަށްވެ ހުރެ ޤައުމުގެ ކޮރަޕްޝަނުގެ ކަންތައް ފެތުރެމުންދާ ދަނޑިވަޅެއްގައި އެކަމުން މުޅި ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އަދި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އޭނާ ކުރީ ޖިހާދެއްކަމަށްވެސް ވިދާޅުވިއެވެ. އެ މައްސަލަ އާއި ގުޅިގެން މުހައްމަދު އިސްމާއިލްގެ ބަހެއް ހޯދުމަށް ޗެނަލް ތާރޓީން އިން ގުޅުމުން، އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އޭސީސީން ބުނެފައި ވަނީ މުހައްމަދު އިސްމާއިލްގެ ބޭންކް އެކައުންޓްތައް ބެލި ބެލުމުންވެސް އެމްއެމްޕީއާރްސީގެ ފައިސާތަކެއް އޭނާ ގެންގުޅުނު ކަމަށް އެނގެން ނެތްކަމަށެވެ. އަދި މަޖިލީހުގެ މެންބަރެއް މެދުވެރިކޮށް އެހެން މެންބަރަކަށް އެފަދަ ފައިސާތަކެއް ލިބުނު ކަމުގެ އެއްވެސް ހެއްކެއް ނެތްކަން އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ