ޖޭއެސްސީގެ މެމްބަރު ކަމުން ރޭނިސް ސަލީމް ވަކި ކުރައްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުގެ މަގާމުގެ ހުންނެވި މުހައްމަދު ސަލީމް (ރޭނިސް) އެ މަގާމުން ވަކި ކުރައްވައިފި އެވެ.
ރައީސްގެ މެމްބަރެއްގެ ގޮތުން ޖޭއެސްސީ އަށް ސަލީމް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ސަލީމް އެ މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ފައިސަލް، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.
ސަލީމް އެ މަގާމުން ވަކި ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެ މަގާމަށް އާ ބޭފުޅަކު އަދި އައްޔަނެއް ނުކުރައްވަ އެވެ.
ރިޔާސީ އިންތިޚާބު ބާތިލުކުރަން އޭރުގެ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ވެސް ސަލީމް ހިމެނިވަޑައިގަތެވެ. ސަލީމް ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ޖޭއެސްސީގައި ރައީސްގެ މެމްބަރު ކަން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ