ފުޓްބޯޅަ މެޗުގެ ކެޕްޓަނުން ނަކީ އިބޫ އާއި ގާސިމް

"ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ނަމުގައި ކުރިޔަށްގެންދާ ކުޅިވަރުގެ ބޮޑު އީދު ކުޅިވަރު ފެސްޓިވަލްގައި ކުޅޭ ފުޓްބޯޅަ މެޗުގެ ކެޕްޓަނުގެ ގޮތުގައި އިންތިހާބީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ހަމަޖައްސައި ޓީމު އެކުލަވާލައިފިއެވެ.
ހަތަރު ބަޔަކަށް ބަހާލައިގެން ކުރިޔަށްގެންދާ ފުޓްބޯޅަ މެޗުގެ ތެރެއިން ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ ހާއްސަ ފުޓުބޯޅަ މެޗުގެ ކެޕްޓަނާއި ޓީމު އެކުލަވާލުމަށް ބުދަ ދުވަހު ހަވީރު ހެންވޭރު ދަނޑުގައި ބޭއްވި ހަރަކާތުގައި ދެ ޓީމަށް ނިސްބަތްވާ ކުޅުންތެރިންނާއި ކުޅިވަރުގެ ދާއިރާގެ ފަރާތްތައް އަދި އާއްމުން ބައިވެރިވިއެވެ.
އިބޫ އާއި ގާސިމްއަށް ޓީމުގެ ޖާޒީ އާއި ކެޕްޓަން ބޭންޑް ހަވާލުކޮށްދެއްވީ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަހްމަދު ލަތީފް އެވެ.
ކޮންމެ ޓީމެއްގައި 30 ކުޅުންތެރިން ތިބި އިރު އޮފިޝަލުންގެ ގޮތުގައި އަންހެން ބޭފުޅުން ހިމެނޭގޮތައް ހަތަރު އޮފިޝަލުން ކޮންމެ ޓީމެއްގައި ތިބެއެވެ. ސިޔާސީ ބޭފުޅުންގެ ގޮތުގައި ލިސްޓްގައި ހިމަނާފައިވާ 60 ކުޅުންތެރިން ދެ ޓީމަށް ވެސް ބަހާލާފައި ވަނީ ކުޅުންތެރިންގެ ނަންތައް ދެ ޓީމުގެ ކެޕްޓަނުން ނެގުމުންނެވެ.
މި މެޗުގައި ހަތަރު ލީޑަރުންގެ ތެރެއިން ގާސިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުޅުއްވައެވެ.
ޖާޒީ ހަވާލުކުރުމަށް ފަހު ދެ ޓީމުގެ ކުޅުންތެރިން ވަނީ ފުރަތަމަ ފަރިތަކުންތައް ހެންވޭރު ދަނޑުގައި ކުރިޔަށްގެންގޮސްފައެވެ.
ހާއްސަ ފުޓްބޯޅަ މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިއީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކުޅިވަރަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ވެގެންދާނެ ކަމެއް ކަމަށެވެ.
ސިޔާސީ ބޭފުޅުން ކުޅިވަރުގެ ކަންކަމުގައި ބައިވެރިވަނީ ވެސް މުޅި ގައުމު އެއްބައިވަންތަ ކުރުވަން ކަމަށާއި އެހެން ކަމުން މި ހަރަކާތުން ވެސް އަންގައިދެނީ ކުޅިވަރުގެ މުހިންމުކަން، ކަމަށް ގާސިމް ވިދާޅުވިއެވެ.
ދުޅަހެޔޮ ސިއްހަތެއްހައި ހުރުމާއި އެކުވެރިކަމާއި އެއްބައިވަންތަ މުޖްތަމައުއެއް ބިނާ ކުރުމަށް ވެސް އެންމެ މުހިންމު ކަމަކީ ކުޅިވަރު ކަމަށް ގާސިމް ވިދާޅުވިއެވެ.
ކުޅިވަރު ފެސްޓިވަލް އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އިމްރާން ވިދާޅުވީ ހަލަބޮލި ދުވަސްތަކަށް ފަހު ކުޅިވަރުގެ ދަނޑަކުން ސިޔާސީ ހުރިހާ ފަރާތްތަކެއް ފެނުމަކީ ވަރަށް ބޮޑު ގައުމީ އުފަލެއް ކަމަށެވެ.
މި ފެށޭ ކުޅިވަރު ފެސްޓިވަލްގައި ހުރިހާ އުމުރެއްގެ ބޭފުޅުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ގައުމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮން ކަމަށްވާއިރު ރައްޔިތުން އެކުވެރިކަމާއިއެކު ކުޅިވަރުގެ މި ބޮޑު އީދުގައި ބައިވެރިވުމަށް އިމްރާން ވަނީ ގޮވާލާފައެވެ.
15 ވަރަކަށް އަހަރު ފަހުން ކުޅިވަރު ދަނޑަކުން ފުޓްބޯޅައެއްގައި ފައިޖައްސާލުމަށް ފަހު އިމްރާން ވިދާޅުވީ ވަރަށް ތަފާތު އުފާވެރި އިހްސާސެއް ކުރެވިގެންދާކަމަށާއި ކުޅިވަރަކީ ކިހާ މުހިންމު އަދި މި ސަރުކާރުން ކިހާ އިސްކަމެއްދޭ ކަމެއްކަން މި އަދުގެ ހަރަކާތުގައި ސިޔާސީ ހުރިހާ ބޭފުޅުން ބައިވެރިވުމުން ވެސް ހާމަވެ، ޔަގީން ކުރެވޭ ކަމަށެވެ.
މި ފެސްޓިވަލްގެ ފުރަތަމަ ދުވަހުގެ ހަވީރުން ފެށިގެން ކުރިޔަށްދާނީ ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅިގެން ބާއްވާ ހަރަކާތްތަކެވެ. އެގޮތުން މާލޭގެ ހަތަރު ސަރަހައްދެއްގައި ކުޅިވަރު ހަރަކާތްތަކެއް ކުރިޔަށްދާނެ އެވެ. މޫދުގެ ކުޅިވަރުތައް ޓްރެކް ސަރަހައްދާއި 1 ނަންބަރު ސަރަހައްދުގައި ކުރިޔަށްދާއިރު ކުޅިވަރު އެކުވެނީގައި ވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށްދާނެ އެވެ. މި ހަރަކާތުގައި އާންމުންގެ އިތުރުން ރާއްޖޭގެ ކުރީގެ ރައީސުންނާއި ސިޔާސީ ފަރާތްތަށް ބައިވެރިވާނެ އެވެ.
މި ހަރަކާތްތަކަށްފަހު އެ ދުވަހު ހުރިހާ ކުޅިވަރެއްގައި ހަރަކާތްތެރިވި ބޭފުޅުންނާއެކު ހާއްސަ ދުވުމެއް ބާއްވާގޮތަށް ވަނީ ނިންމާފައެވެ. މި ދުވުން ފަށާނީ ޓްރެކް ސަރަހައްދުންނެވެ. ފުރަތަމަ ދުވަހުގެ ހަރަކާތްތައް ނިންމާލަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ވާހަކަފުޅާއެކުގައެވެ.
ދެވަނަ ދުވަހުގައި އޮންނާނީ ހާއްސަ ފުޓުބޯޅަ މެޗުތަކެކެވެ. އެގޮތުން ފުޓުބޯޅައިގެ ހަރަކާތްތައް ކުރިޔަށްގެންދާގޮތަށް ހަމަޖެހިފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ މެޗުގައި 19 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމު ބައިވެރިވާއިރު 19 އަހަރުންދަށުގެ އަންހެން ޓީމާއި ސީނިއާ އަންހެން ޓީމުގެ ހާއްސަ ފުޓުބޯޅަ މެޗެއް ކުޅޭނެ އެވެ. ތިން ވަނަ މެޗުގައި ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑުންގެ ބައިވެރިވާއިރު އުމުރުން ދުވަސްވީ މަޝްހޫރު ކުޅުންތެރިން މި މެޗުން ފެނިގެންދާނެ އެވެ. ފަހު މެޗުގައި ބައްދަލު ކުރާނީ ރާއްޖޭގެ ސިޔާސީ ފަރާތްތައް ހިމެނޭ ހާއްސަ ފުޓުބޯޅަ މެޗެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ