ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތަސް އިސްކަން ދެއްވާނީ މިވެރިކަން ދަމަހައްޓަން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ރައްޔިތުުން މަޖިލީހުގެ ދެމެންބަރަކު ސޮއި ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްކަމަށް ވަޑައިގަންނަވަން ފުރުސަތު ލިބުނަސް އިސްކަން ދޭނީ ރައީސް ސޯލިހްގެ ވެރިކަން ދަމަހައްޓަން ކަމަށް ގާސިމް ވިދާޅުވި އިރު މިހާރު ޤާނޫނު އަސާސީ އޮތް ގޮތުން ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ގާސިމްގެ ކިބައިގައި ހަމައެއް ނުވެއެވެ. އެއީ އޭނާގެ އުމުރުން 65 އަހަރު ވެފައި ވާތީއެވެ. ނަމަވެސް ރައީސް ކަމަށް ކުރިމަތިލުމުގައި 65 އަހަރު ނުވުން ޝަރުތުކޮށްފައި އޮތް އޮތުން އުވާލަން މިހާރު މަޖިލީހަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ.
"އެ ފުރުސަތު އަޅުގަނޑަށް ލިބުނު ކަމުގައި ވިޔަސް، ކޮން ފުރުސަތެއްތޯ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ލިބުނު ނަމަވެސް އެކަން އަޅުގަނޑު އިސް ނުކުރާނަން. އެކަން އަޅުގަނޑު ބާއްވާނީ ސެކަންޑް ނޫނީ ތާޑް ކެޓަގަރީގައި،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދުގެ ބަހުގެ ހަމަލާތަކެއް އެމްޑީޕީ އަށް އަމާޒުވެފައި ވީނަމަވެސް ރޭ ވެސް ގާސިމް ވިދާޅުވީ ކޯލިޝަން ދަމަހައްޓަން ޖުމްހޫރީ ޕާޓީ އިން މަސައްކަތް ކުރައްވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ކޯލިޝަނަށް ލޮޅުމެއް އަރާވަރުގެ ކަމެއް އެޕާޓީ އަކުން ނުކުރާނެއެވެ.
"އަޅުގަނޑުމެންގެ އިސްލާހަށް މިއަދު ހުޅުވިފައި މިވަނީ ކުޑަ ދޮރެއް ނޫން. ތައްމިނަށް ހުޅުވާފައިވާ ދޮރެއް. އެ ދޮރުގެ ފޮތިގަނޑު އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ކަހައެއް ނުލާނަން،" ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ގާސމް ވިދާޅުވީ ރައީސް ޞާލިހް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް އިހްލާސްތެރިކަމާއި އެކުއެވެ.
"މިއަދު ވެސް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެ ހުންނެވީ ތައްމިނަށް ދޮރުފޮތިކޮޅު ހުޅުވައިގެން. އިންސާފުގެ މަގުން، އިޚުލާސްތެރިކަމާ އެކު އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ވަރަށް ގާތުން ފެންނަމުންދޭ،" ކޯލިޝަންގައި ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.
ރައީސް ކަން ކުރުމަށް ވުރެ ރައީސް ސޯލިހްގެ ވެރިކަން ދަހަމަހައްޓަން ބޭނުން – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ