ރިޔާސީ އިންތިހާބު 2008: އިންތިހާބާ ދިމާކޮށް އައްޑޫގައި ހަމަނުޖެހުން އުފައްދަން ބަޔަކު އެބަ މަސައްކަތްކުރޭ: ޑީއާރުޕީ

ރިޔާސީ އިންތިހާބު އެމްޑީޕީ އިއްތިހާދަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ އެމްޑީޕީ އިއްތިހާދަށް ތާއީދުކުރާ މީހުން އައްޑު އަތޮޅުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ތުހުމަތު ޑީއާރުޕީން ކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފޭދޫގައި ހުންނަ ޑީއާރްޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން އައްޑޫ ކެމްޕޭން މެނޭޖަރު ހުސެން ސޯލިހު ވިދާޅުވީ، އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން، އިއްތިހާދަށް ތާއީދުކުރާ ފަރާތްތަކުން، ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށް، އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށް ވަރަށް ޔަގީންކަމާ އެކު އެނގިފައިވާ ކަމަށެވެ. މީގެއިތުރުން މި އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތް ހުއްޓުމަކަށް ގެނެސް، އެފަދަ ތަންތަނަށް ގެއްލުން ދިނުމަށް ރާވައިފައިވާ ކަމަށާއި އައްޑު އަތޮޅުގައި އެފަދަ އަމަލެއް ހިނގިޔަ ނުދިނުމަށް އެ ޕާޓީ އަށް ކުރެވެން އޮތްހާ ކަމެއް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު ވަރަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައި އެބައޮތް ހަމަނުޖެހުން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް. އެ މީހުން ތައްޔާރުވަމުން އެ އަންނަނީ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ހަމަނުޖެހުން އުފެއްދުމަށް،" ހުސެން ސޯލިހު ވިދާޅުވި އެވެ. "މިހާރު ހިތަދޫގައި ވެސް އެކަހަލަ ބަޔަކު މޫނުގައި އިސްޓާކީން އަޅުވައިގެން ދަގަނޑުބުރި ފަދަ ތަކެތި ހިފައިގެން ހަރަކާތްތެރިވަމުން އަންނަކަން އެނގިފައި އޮތީ."
ހުސެން ސޯލިހު އިތުރަށް ވިދާޅުވީ ބަޔަކު ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެފަދަ ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ޑީއާރްޕީގެ ސަޕޯޓަރުންނަށް އެކަން ޔަގީންކޮށްދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންނަމަވެސް ކަމެއް ނުހިނގާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަމެއް ދޭކަށް ނޭނގޭނެ. އެކަމަކު އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން، އެފަދަ އަމަލެއް ހިންގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުލިބޭތޯ،" އޭނާ ވިދާޅުވި އެވެ. "ހަމަނުޖެހުން ބަޔަކު ހިންގައިފައިނަމަ އެކަމަށް ތައްޔާރުވެގެން އަޅުގަނޑުމެން މިތިބީ. އަދި އަމިއްލަ ދިފާއަށް އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް ނާޅައި އަޅުގަނޑުމެން ނުތިބޭނަން. އެފަދަ ހާލަތެއްގައި ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން."
ހުސެން ސޯލިހު އަދި ވިދާޅުވީ މީގެކުރިން ވެސް އައްޑު އަތޮޅުގައި ހަމަނުޖެހުން އުފައްދައިފައިވާ ފަރާތްތަކަށް އެ ޕާޓީގެ ފަރާތުން ރަނގަޅު ފިލާވަޅެއް ދީފައިވާނެ ކަމަށެވެ. އަދި ޑީއާރްޕީން ބޭނުން ވަނީ ސުލްހަވެރިކަމާއި އޮމާންކަމާ އެކު ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަން ކަމަށް އެ ޕާޓީން ބުންޏެވެ. އެގޮތުން އިންތިހާބުގެ ފުރަތަމަ ބުރު ވަރަށް އޮމާންކޮށް ކުރިއަށް ގޮސްފައިވާކަން ވެސް އެ ޕާޓީން ފާހަގަކޮށްފައިވެ އެވެ.
އެމްޑީޕީ އިއްތިހާދުން މިހާރު އައްޑު އަތޮޅުގައި ދުއާކޮށް ތަކުބީރު ކިޔަމުން އަންނާތީ އެކަމަށް ވެސް ޑީއާރްޕީން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި އެފަދަ ކަންތައްތައް މިހާރު ކުރަމުން އަންނަނީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވުމުން، ދެން ކުރާނެ އިތުރު ކަމެއް ނެތުމުން ކަމަށް ވެސް ޑީއާރްޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.
"އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވުމުން ދެން ކުރާނެ އިތުރު ކަމެއް ނެތުމުން މިހާރު މަގުމައްޗަށް ނިކުމެ ދަންވަރު ދުއާކޮށް ތަކުބީރު ގޮވަމުން އެ އަންނަނީ. މިކަން މިގޮތަށް ކުރާތީ އާންމުންނަށް މިހާރު ވަރަށް ބޮޑަށް އުނދަގޫން ވެސް ވާން ފަށައިފި،" ހުސެން ސޯލިހު ވިދާޅުވި އެވެ. "ބަޔަކު ވެރިކަމާ ހެދި މޮޔަވަންޏާ ދެން ކުރެވޭ ނުކުރެވޭ ކަމެއް ވެސް ނޭނގޭނެ."
ފުލުހުން ވިދާޅުވީ، ދަގަނޑު ބުރި ހިފައިގެން މާސްކް އަޅައިގެން އައްޑޫގެ ބައެއް ރަށްރަށުގައި ބަޔަކު އެބައުޅޭ ކަމަށާއި އެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ