އެމްޑީޕީގެ އައްޑޫ ދާއިރާގެ 22 ގޮތްޕެއްގެ ރައީސުން ޕާޓީން އިސްތިއުފާ ދެއްވައިފި

އައްޑު އަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީގެ 22 ގޮތްޕެއްގެ ރައީސުން އެ ޕާޓީން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
ޕާޓީން އިސްތިއުފާ ދެއްވި ގޮފިތަކުގެ ރައީސުން ހިތަދޫ ރެސްޓޯރެންޓެއްގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ ބޭފުޅުންގެ އިސްތިއުފާ ސިޓީ ޕާޓީ އަށް މިހާރު ފޮނުވައިފައިވާ ކަމަށާއި ކަމިޝަނާ އޮފް އިލެކްޝަނަށް ވެސް އިސްތިއުފާގެ ސިޓީ މިއަދުގެ ވަގުތެއްގައި ހުށަހަޅުއްވާނެ ކަމަށެވެ. ގޮފިތަކުގެ ރައީސުންގެ އިސްތިއުފާ ސިޓީގެ ކޮޕީއެއް އެމްޑީޕީ އައްޑޫ ދާއިރާގެ އޮފީހަށް ލިބިފައިވާކަން އެތަނުން ވެސް މިއަދު ކަށަވަރު ކޮށްދިނެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ގޮފިތަކުގެ ރައީސުން ވިދާޅުވީ ޕާޓީން އިސްތިއުފާ ދެއްވި 22 ރައީސުން ވެސް އެގޮތަށް ނިންމެވީ އެ ޕާޓީ އަށް، ރާއްޖެ އަށް އެއްވެސް އިސްލާހެއް ގެނެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ އާއި ޕާޓީގެ ކަންތައްތައް ދޯދިޔާވެ އެ ކަންތައް ބޮއްސުންލައިގެން ދިއުމުން ކަމަށެވެ. އަދި އެ ޕާޓީ މިހާރު ހިނގަމުން ދަނީ މާފިއާ ގޭންގެއްގެ ގޮތުގައި ކަމަށާއި ޕާޓީން އިސްތިއުފާ ދެއްވަން ނިންމެވީ ޕާޓީ ތެރޭގައި ހުރި މައްސަލަތައް އިސްލާހުކުރުމަށް އެތައް ފަހަރަކު އެދިގެން ވެސް އެ ކަންކަން ރަނގަޅު ނުވެގެން ކަމަށެވެ. މީގެ އިތުރުން އެ ޕާޓީގައި އެ ބޭފުޅުން ތިއްބެވުމުގެ އެއްވެސް ބޭނުމެއް މިހާރު ނެތް ކަމަށާއި ޕާޓީ މިހާރު ހިނގަމުން ދަނީ ލަދުގަންނަން ޖެހޭ ފަދަ ގޮތަކަށް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ. މީގެއިތުރުން ޕާޓީގެ ތެރޭގައި ފައިސާ އާއި ދަރަނީގެ މައްސަލަތައް ވެސް ވަރަށް ބޮޑަށް އެބަހުރި ކަމަށާއި ޕާޓީން ގޮފިތަކުގެ ކުރިއެރުމަށް ވެސް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށް އެ މީހުން ފާހަގަކޮށްފައި ވެ އެވެ.
މީގެ ތެރެއިން ބައެއް ރައީސުން ވިދާޅުވީ އެ މީހުން އިސްތިއުފާ ދެއްވީ އެ ޕާޓީ މިހާރު ހިނގަމުން ދަނީ "ވަކި ބަޔަކު ބޭނުންވާ ގޮތަކަށް" ކަމަށާއި މިދިޔަ އެޕްރީމް މަހު ބޭއްވި "ރިޔާސީ ޕްރައިމަރީގައި ވެސް ހުރީ މުޅިން ވެސް އޮޅުވާލުންތައް" ކަމަށެވެ. އެގޮތުން ޕާޓީގެ ކަންތައްތަކަށް ރިޔާސީ ކެންޑިޑޭޓަކަށް ހޮވިވަޑައިގެންފައިވާ މުހައްމަދު ނަޝީދު )އަންނި( ވަރަށް ބޮޑަށް ނުޒޫފު ފޯރުވަމުން ގެންދަވާ ކަމަށް ވެސް އެ މީހުން ވަނީ ތުހުމަތުކުރައްވައިފަ އެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވި ބައެއް ރައީސުން ވިދާޅުވީ ޕާޓީން ވަކިވީ ރިޔާސީ ކެންޑިޑޭޓަކަށް ވަކި މީހަކު ނުހޮވުމުން ނޫން ކަމަށާއި އިސްތިއުފާ ދެއްވި ގޮފިތަކުގައި ޑރ. މުނައްވަރާއި އަންނި އަށް ތާއިދުކުރި ގޮފިތައް ވެސް އެބަހުރި ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
އެހެންނަމަވެސް "އޮގަސްޓް 12- 13" ގޮފީގެ ރައީސް އަބްދުﷲ ވަސީމް ވިދާޅުވީ އޭނާ އެ ޕާޓީން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޑރ. މުހައްމަދު މުނައްވަރު ނުހޮވުމުން ކަމަށާއި ގާނޫނު އަސާސީގެ ދަށުން އަންނި އަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނެ އެއްވެސް ގޮތެއް ވެސް ނެތް ކަމަށެވެ.
ރިފޯމް ގޮފީގެ ރައީސް ސައުދުﷲ ހަމީދު ވިދާޅުވީ އެމްޑީޕީއާ ގުޅުނީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށާއި އެހެންނަމަވެސް މިހާރު އެ ހުރިހާ އުންމީދުތަކެއް ގެއްލިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންނަމަވެސް އެ ޕާޓީ މިހާރު އެއޮތް ހާލަތުގައި ރާއްޖެ އަށް އެ މީހުންނަށް ގެނެވޭނެ އެއްވެސް އިސްލާހެއް ނެތް. އެވަރުގެ ޕާޓީއެއްގައި އަޅުގަނޑުމެން ތިބުމުގެ ބޭނުމެއް ނެތް. ޕާޓީތެރޭގައި އެއްވެސް ކަމެއް ރަނގަޅަކަށް ނުހިނގާ. ސިޔާސީ ޕާޓީއަކަށް ވުރެ ބޮޑަށް އެޕާޓީ މިހާރު އެއޮތީ މާފިއާ ގޭންގެއްގެ ހާލަތުގައި،" ސައުދު ވިދާޅުވި އެވެ.
ގޮފިތަކުން އިސްތިއުފާ ދެއްވި ރައީސުން ވިދާޅުވީ އެބޭފުޅުން އިސްތިއުފާ ދެއްވަން ހުށަހެޅުއްވި ސިޓީއާ އެކު އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ވެސް ޕާޓީން ވަކިވާން އެދި ހުށަހަޅައިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އެ ބޭފުޅުން ހާމައެއް ނުކުރައްވަ އެވެ.
"މިވަގުތު އަޅުގަނޑުމެންނަކަށް ދެންނެވޭކަށް ނެތް ސީދާ ކިހާ އަދަދެއްގެ މެންބަރުންނެއް ކަމެއް. އަޅުގަނޑުމެންގެ އިސްތިއުފާގެ ސިޓީ އާ އެކު )އެ މީހުން ވެސް( ޕާޓީން ވަކިވާން ހުށަހަޅައިފައި ވަނީ،" ސައުދު ވިދާޅުވި އެވެ.
އެހެންނަމަވެސް ބައެއް ގޮފިތަކުގެ ރައީސުން ކުރިން ވިދާޅުވެފައިވާ ގޮތުގައި ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އެ ޕާޓީން ގާތްގަނޑަކަށް 1،500 ވަރަކަށް މެންބަރުން އައްޑު އަތޮޅުން ވަކިވެފައި ވެ އެވެ.
އެމްޑީޕީ އައްޑޫ ދާއިރާގެ އޮފީހުން ބުނިގޮތުގައި ރިޔާސީ ޕްރައިމަރީ އާ ޖެހެންދެން އެ ޕާޓީގެ ސައްހަ މެންބަރުންގެ ގޮތުގައި އައްޑު އަތޮޅުގެ 4،300 މީހުން ޕާޓީގައި ހިމެނެ އެވެ.
އެމްޑީޕީގެ ގޮފިތަކުގެ ގޮތުގައި 56 ގޮތްޕެއް މި އަތޮޅުގައި ހަރަކާތްތެރިވަމުން އަންނައިރު މީގެ ކުރިން ވެސް ފަސް ގޮތްޕެއްގެ ރައީސުން ވެސް ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފަ އެވެ.
އިސްތިއުފާ ދެއްވި ރައީސުން ވިދާޅުވީ އެ ބޭޅުން މަސައްކަތް ކުރައްވަނީ އިސްލާހަށް ކަމަށާއި އެހެން ނަމަވެސް މި ވަގުތު އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ހިޔާލެއް އަދި ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ