ފަހަކަށް އައިސް ފުލުހުންނަށް ހަމަލަދިނުން އާންމުވަމުންދާތީ އެކަމާ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެކަން ހުއްޓާލުމަށް އެކަން ކުރާ ފަރާތްތަކަށް އިދިކޮޅު އެމްޑީޕީގެ ނާއިބު ރައީސް އަލްހާން ފަހުމީ މިއަދު ގޮވާލައްވައިފި އެވެ.
"ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި ފޭދޫ ދާއިރާގެ މެމްބަރު ވިދާޅުވީ ކޮންމެ ކަމެއް ގައުމުގައި ދިމާވިޔަސް، ސަލާމަތީ ބާރުތަކަށް އަމާޒުކޮށް އެއްވެސް ކަހަލަ ޖަރީމާއެއް ހިންގައިގެން ނުވާނެ ކަމަށެވެ. އަދި ފުލުހުންނަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތައް އޭނާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފަ އެވެ.
"ސިޔާސީ ގޮތުން ދިމާވެފައިވާ ކަންކަމަށް ހައްލު ގެންނަން ޖެހޭނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މަޝްވަރާކޮށްގެން. ބަދަލު ހިފުމުގެ ރޫހުގައި އެއް ކަމެއް ވެސް ހައްލެއް ނުވާނެ. މިހާރު ފުލުހުންނާ މެދު އެ އަމަލުކުރާ ގޮތާ މެދު އަޅުގަނޑު އިންތިހާ އަށް ކަންބޮޑުވަން. އަޅުގަނޑު ދިވެހި ފުލުހުންނަށް ވެސް ގޮވާލަން އެ ޖަރީމާތައް ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކޮށް ހުއްޓުވަން. ފިޔަވަޅު އަޅައި ދިނުމަށް އަޅުގަނޑު ގޮވާލަން ފުލުހުންނަށް. އެއީކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން،" އަލްހާން ވިދާޅުވި އެވެ.
އޭނާ ވަނީ އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓުން ވެސް އެފަދަ ޖަރީމާތަކުގައި ބައިވެރި ނުވުމަށް ގޮވާލައްވައިފަ އެވެ.
"އަޅުގަނޑު އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓުންނަށް ދަންނަވާލަން ބޭނުންވަނީ ފުލުހުންނަށް ހަމަލަ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫނޭ. މިއީކީ ތަހުޒީބީ މުޖުތަމައު ތަކުގައި ކުރާ ކަހަލަ ކަންކަމެއް ނޫނޭ. އެފަދަ ޖަރީމާތަކާ ދުރުވާށޭ،" އަލްހާން ވިދާޅުވި އެވެ.
ފަހަކަށް އައިސް ފުލުހުންނަށް ދެމުންދާ ހަމަލަތައް އިތުރުވަމުންދާއިރު ރޭ ވެސް ޑިއުޓީގައި އުޅުނު ފުލުހެއްގެ ކަރަށް ވަޅި ހަރާލައި ވަނީ ޒަހަމްކޮށްލައިފަ އެވެ. އަދި އިތުރު ފަރުވާ އަށް އޭނާ ވަނީ މިހާރު ލަންކާ އަށް ފޮނުވާލައިފަ އެވެ. މި މައްސަލައިގެ ތުހުމަތަށް ތިން މީހަކު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ހިމެނެ އެވެ.
ފުލުހުންނަށް ހަމަލަދިނުން ހުއްޓާލުމަށް އަލްހާން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ