ޖޫރިމަނާ ފައިސާ ދެއްކުން މަޑުޖައްސާލުމަށް ރާއްޖެ ޓީވީ އިން ހުށަހެޅި މައްސަލަ ބޭރު ކޮށްލައިފި

ރާއްޖެ ޓީވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ފައިސާ ދެއްކުން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލައިފިއެވެ.
ރާއްޖެޓީވީގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވީ ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓުން ބަލައި ނުގަންނަ ކަމަށް ބުނެ އެކޯޓުގެ ރެޖިސްޓްރާ ނިންމުން މިއަދު ލިބިފައިވާ ކަމަށެވެ.
ސިވިލް ކޯޓުގެ އެނިންމުމުގައި ، ޖޫރިމަނާއާ ގުޅޭ މައްސަލަ ކޯޓަށް ހުށަހެޅޭނީ ގާނޫނުގައި ބުނާ މުއްދަތުގައި ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހުގައި ކަމަށާއި، އެހެން ކަމުން މައްސަލަ ބަލައި ނުގަނެވޭނެ ކަމަށް ބުނެފައިވެއެވެ.
ރާއްޖެޓީވީ ޖޫރިމަނާ ކުރަން ނިންމީ ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ކޮންޓެންޓް ގެނެސްދީފައިވާތީ އާއި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓް ގެނެސްދީފައިވާތީއެވެ.
މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެޓީވީ އެކި ފަހަރުމަތިން ޖޫރިމަނާކޮށްފައެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާ މިކުރީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދުންނެވެ.
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ބްރޯޑްކޮމްއިން އެ ސްޓޭޝަން ޖޫރިމަނާއަކީ އަބުރު ގެއްލޭ ނުވަތަ ގައުމީ ސަލާމަތައް ނުރައްކާވާ ވާހަކައެއް ބްރޯޑްކާސްޓްކޮށްގެން ނޫން ކަމަށެވެ. އެ ކޮމިޝަންގެ ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އެޅުން ކަމަށް ފިޔާޒު ވިދާޅުވި އެވެ.
އެގޮތުން ރާއްޖެޓީވީ އެންމެ ފުރަތަމަ ޖޫރިމަނާކޮށްފައިވަނީ 250،000 ރުފިޔާ އިންނެވެ. އަދި އޭގެފަހުން އެއް މިލިއަން ރުފިޔާ އިން ވެސް އެ ސްޓޭޝަން ޖޫރިމަނާކޮށްފައިވެއެވެ. ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ރާއްޖެ ޓީވީން ފަންޑު ފޮށްޓެއް ހުޅުވައި، އެއަށް ލިބޭ ފައިސާ އިން ޖޫރިމަނާ ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ