ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް ދެއްކުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް ރާއްޖެ ޓީވީން ސިވިލް ކޯޓުގައި އެދިއްޖެއެވެ.
ރާއްޖެ ޓީވީގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ ޖޫރިމަނާ ފައިސާ ދެއްކުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލުކޮށްދިނުމަށް ވެސް ސިވިލް ކޯޓުގައި އެދިފައިވާނެ ކަމަށާއި އެގޮތަށް އެދުނީ މައިގަނޑު ތިން ކަމަކަށް ރިޔާއަތްކޮށްގެން ކަމަށެވެ.
އޭނާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވަނީ ގޯސް މައުލޫމާތެއްގެ މައްޗަށް ބިނާކޮށްގެން ކަމަށާއި މައްސަލާގައި ޖަވާބުދާރީވާން ރާއްޖެޓީވީއަށް ފުރުސަތު ދީފައިނުވާކަން ބްރޯޑްކޮމްގެ ނިންމުމުގައި ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ރާއްޖެޓީވީ ޖޫރިމަނާކޮށްފައި ވާތީ ބްރޯޑްކޮމްގެ ނިންމުން ބާތިލުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެޓީވީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ކަނޑައަޅައި، ނިމެންދެން ޖޫރިމަނާ ފައިސާ ދެއްކުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައިވާނެ ކަމަށެވެ.
ނިޝާން ވިދާޅުވީ ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ބްރޯޑްކޮމްއިން ނިންމާފައިވާ ނިންމުން މުރާޖާކޮށްދިނުމަށް އެދި އެ ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
ރާއްޖެޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާކޮށްފައި ވަނީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދުންނެވެ. ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ، މިއަހަރުގެ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު މީހަކު ދެއްކި ވާހަަކައަކާ ގުޅިގެންނެވެ. އެ މީހާ ދެއްކި ވާހަކަ އިން ގައުމީ ސަލާމަތަށް ނުރައްކާވި ކަމަށް އެ ކޮމިޝަންގެ ނިންމުމުގައި ބުނެފައިވެއެވެ.
ރާއްޖެޓީވީ ހަތަރު ފަހަަރަށް ކުރި ޖޫރިމަނާއާ އެކު، ޖޫރިމަނާ ފައިސާގެ އަދަދު 3.7 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ރާއްޖެޓީވީ ޖޫރިމަނާ ކުރި ކޮންމެ ފަހަރަކު، އެ މައްސަލަތައް ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި ސިވިލް ކޯޓުން ހުކުމެއްކޮށްފައެއް ނުވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ޖޫރިމަނާ ފައިސާ ދެއްކުން ހުއްޓުވައި ދިނުމުގެ އަމުރަކަށް ރާއްޖެޓީވީން ކޯޓުގައި އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ