މިސްރުގެ ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގު ޔޫއޭއީ ދޫކޮށް ދިއުން މަނާކޮށްފި

މިސްރުގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ އަހުމަދު ޝަފީގު ޔޫއޭއީ ދޫކޮށް ދިއުން މަނާކޮށްފިއެވެ. ދެހާސް ބާރަ ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަށްފަހު ނާކާމިޔާބުވެ ވަޑައިގެންނެވުމުން ޝަފީގު ވަނީ މިސްރު ދޫކުރައްވައި ޔޫއޭއީ އަށް ވަޑައިގެންފައެވެ. ޝަފީގު ޔޫއޭއީ ދޫކޮށް ދިއުން މަނާކޮށް "ބަންދު" ކުރި ސަބަބެއް ނޭނގެއެވެ. އެކަމާ ގުޅިގެން ޝަފީގު ވިދާޅުވީ އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއްވެސް ސަބަބަކާ ނުލައި، އެއްވެސް ތަފްސީލެއް ދިނުމެއްނެތި އެގޮތަށް "ބަންދު" ނުކުރެވޭނެ ކަމަށެވެ. ޝަފީގު ޔޫއޭއީގައި "ބަންދު" ކުރުމުގެ ކުރިން އޭނާ ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ. "އަޅުގަނޑުވާނީ އިންތިޚާބުގަ ވާދަކުރާނެކަން އިއުލާނު ކޮށްފަ. އަނބުރާ މިސްރަށް ދިއުމުގެ ކުރިން ގައުމުން ބޭރުގައި ތިބި މިސްރުގެ މީހުންނާ ބައްދަލު ކުރަން ޕްލޭންތައް ވެސް ކުރިން" އަލްޖަޒީރާ އަށް މައުލޫމާތު ދެމުން ޝަފީގު ވިދާޅުވެފައިވެއެވެ. ގައުމަށް ޚިދުމަތް ކުރައްވަން ބޭނުންވާ ކަމަށާއި، މިސްރުގެ ސަރުކާރުން ޝަފީގު ގެ "މިނިވަންކަމަށް" ހުރަސްއެޅުން ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. "މި ނިންމުން ބާތިލު ކުރަން ގޮވާލުމަށް ޔޫއޭއީގެ ސަރުކާރަށް އިލްތިމާސް ކުރަން" ޝަފީގު ވިދާޅުވެފައިވެއެވެ. ޝަފީގު ޔޫއޭއީ ގައި "ބަންދު ކުރީ" މިސްރުގެ ސަރުކާރުން ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. (އަލްޖަޒީރާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ