މައުމޫނު ބޭނުން ވަނީ ގަނޫނީ ހަމަތަކަށް ނުބަލައި ސަރުކާރު ވައްޓާލަން: މައުރޫފް

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބޭނުން ވަނީ ގާނޫނީ ހަމަތަކަށް ނުބަލައި މިއަދުގެ ސަރުކާރު ވައްޓާލަން ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މާފަންނު ކުނޫޒުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވަނީ ވެރިކަން ބަދަލުކުރަން ވަކި ވަގުތެއް ޖެހެންދެން މަޑުނުކުރުމަށް ގޮވާލާފައެވެ. އަދި ރިޔާސީ އިންތިހާބުގެކުރިން ވެރިކަން ބަދަލުކުރަން ތާއީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުރޫފު ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާލަން މައުމޫނު މަސައްކަތް ކުރެއްވި ނަމަވެސް އެކަން އެމަނިކުފާނަކަށް ނުވާނެ ކަމަށެވެ. "މިއަދުވެސް ރައްޔިތުންގެ މަޖިލިސް އެބައޮތް ހަރުދަނާ ކަމާއެކީގައި. މިއަދު ވެސް ކޯޓުތައް އެބައޮތް ހަރުދަނަކަމާ އެކީގައި. ރާއްޖޭގެ އަދުލުގެ ނިޒާމަކީ ވަރަށް ފުރިހަމަ ނިޒާމެއްކަން ރައީސް މައުމޫނަށް އެނގިވަޑައިގަންނަވާނެ،" މައުރޫފު ވިދާޅުވިއެވެ. މައުމޫނަށް އިޝާރާތް ކުރައްވައި މައުރޫފު ވިދާޅުވީ އުމުރުން ދުވަސްވެ "ސިކުނޑީގެ ތާސީރުކަން ނެތި ގޮސްފައިވާ މީހުން" އެންމެ ރަނގަޅު ވާނީ ސިޔާސީ ވާހަކަ ނުދެއްކުން ކަމަށެވެ. "އުމުރުން ދުވަސްވެ 79 އަހަރު ނޫނީ 80 އަހަރުވުމުން ތޮބިއީގޮތުން އިންސާނަކަށް ބަދަލު އަންނާނެ އަޅުގަނޑު ވިޔަސް. ޖިސްމާނީ ގޮތުން ހަށިގަނޑު ބަލިވެ، ސިކުޑީގެ ތާސީރުކަން ދިޔައީމަ ސިޔާސީ ވާހަކަ ދައްކަން އުޅުނީމަ ކުށް ކިޔޭނީ. ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ގެއްލޭނީ،" މައުރޫފް ވިދާޅުވިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އެއް އޮޑިއަކަށް ރައީސް މައުމޫން އަރާވަޑައިގެން ހުންނެވިއިރު، އެމަނިކުފާނަކީ މައުމޫނުގެ ވެރިކަން ވައްޓާލަން އުޅުއްވި ބޭފުޅެއް ކަމަށް މައުރޫފް ވިދާޅުވިއެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިޝާރާތް ކުރައްވައި މައުރޫފު ވިދާޅުވީ ދައުލަތަށް ޓެކްސް ނުދައްކައި ރައްޔިތުންގެ ފައިސާ ނުހައްގުން ކަމުންދާ މީހުންނާމެދު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިޔަވަޅު އަޅާނެކަން މިއަދު ޔަގީން ވެއްޖެ ކަމަށެވެ. "ވޭތުވެދިޔަ ހަތަރު އަހަރުވެސް ގާނޫނުތައް ފުރިހަމައަށް ތަންފިޒުކުރަމުން ގޮސް ފަސް ވަނަ އަހަރަށް ދެމިގެންދާއިރު ރާއްޖޭގައި ކުށްތަކަށް އަރަގަނެފައިވާ ސިޔާސީ ވެރިންނާއި އެހެނިހެން ގޮތްގޮތުން ދައުތަލުން ފައިސާ ކައިފަތިބި މީހުންނަށް ދޭންޖެހޭ ހައްގު އަދަބު ދޭނެކަމަށް ހުރިހާ ރައްޔިތުންނަށް ޔަގީންވެގެން އެ ދިޔައީ،" މައުރޫފު ވިދާޅުވިއެވެ. އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ އެކު ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރައްވާތާ ވިއްސަކަށް އަހަރު ވެއްޖެ ކަމަށާއި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދުވަހަކު ވެސް ސިޔާމް ނުދައްކަވައި ނޯންނާނެ ކަމަށެވެ. "އަޅުގަނޑު މިއަދު ރައީސުލްޖުމޫހުރިއްޔާ އަށް ގޮވާލަނީ އަހުމަދު ސިޔާމް މުހައްމަދު ވެސް ޓެކްސް އަށް ޚިޔާނާތްތެރި ވެއްޖެނަމަ އެމަކިފާނަށް ވެސް ޖެހޭނޭ ގާނޫނުގެ ތެރެއިން އަދަބު ދޭން. އެއީ ވަކި މީހަކަށް އޮތް ހައްގެއް ނޫން. އެ ދުވަހަކުން އެއީ އަޅުގަނޑުގެ ލީޑަރަށް ވީމަ ދިފާއުގައި ވާހަކައެއް ނުދައްކާނަން،" މައުރޫފު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ