ކުރީގެ ރައީސް އަދި މިހާރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާ މިނިސްޓަރުކަން ކުރެއްވި އިބްރާހީމް ހުސައިން މަނިކު (ސަމަރޭ) ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޭބަލް ޓީވީގެ ހިދުމަތްދޭ މޯލްޑިވްސް އިލެކްޓޯރޯނިކް ސާވިސަސް ކޮންޕެނީ (މެސްކޯ) ކިޔާ ކުންފުންޏަކަށް އައްޑޫ މީޑިއާ ސެންޓަރު 2003 އަހަރުން 2009 އަހަރަށް ދީފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫން ކަމަށެވެ.
އަދި އެ އިމާރާތުގެ ބިމާއި އެ ސެންޓަރުގެ އެންޓަނާ މެސްކޯގެ ބޭނުމަށް ދީފައި ވަނީ ކޮން އުސޫލަކުންކަން އެނގޭނެ އެއްވެސް ލިޔުމެއް، އަދި އެއްބަސްވުމެއް ކަމާ ބެހޭ އެއްވެސް އިދާރާއަކުން ފެނިފައިނުވާ ކަމަށެވެ.
އަދި 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ހަވާލާދީ އޭސީސީން ބުނީ އެ އިމާރާތް ކުއްޔަން ދޫކޮށްފައި ވަނީ އެވްރެޖްކޮށް މަހަކު 5000ރ. އަށް ކަމަށާއި އެހެންކަމުން މެސްކޯއަށް އެ އިމާރާތް ދޫކުރި ހަ އަހަރުގެ މުއްދަތަށް ޖުމްލަ 360،000ރ. ލިބެންޖެހޭނެ ކަމަށެވެ.
މީޑިއާ ސެންޓަރު ބޭނުންކުރި ދުވަސްވަރު އެތަނުގެ ކުއްޔާއި ބިން ބޭނުންކުރުމަށް ފަހު އެއްވެސް ފައިސާއެއް ދައްކާފައިނުވާކަމަށާއި އެ މުއްދަތުގެ ތެރޭގައި އެތަނުގެކަރަންޓް ބިލަށް 1.6 މިލިއަން އަރާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެހެންކަމުން ކުއްޔަކާ ނުލައި ދޫކުރި އިމާރާތުގެ ޖުމްލަ ކުއްޔަށް ވާ 360،000ރ. އާއި އެ އިމާރާތުގެ ކަރަންޓް ބިލްތަކަށް ސަރުކާރުން ހަރަދު ކުރި 821،076ރ. އާއެކު ޖުމްލަ 1،181،076ރ. ހޯދުމަށް ދައުވާކުރާ ކަމަށް ވެސް އޭސީސީއިން ބުނެ އެވެ.
އޭސީސީގެ ނިންމުމުގައި ބުނެފައި ވަނީ މެސްކޯއަށް އައްޑޫ މީޑިއާ ސެންޓަރު ދިނުމަށް މުއާމަލާތްކޮށްފައި ވަނީ ކުރީގެ މިނިސްޓަރު އިބްރާހިމް ހުސައިން މަނިކު ކަން ފެންނަން ހުރި ލިޔެކިޔުންތަކުން އެނގޭތީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުންކޮށްފައިވާ ކަމެއް ކަމަށް ސާބިތުވެ ދައުލަތަށް ލިބެން އޮތް ފައިދާއެއް ނުލިބޭ ގޮތަށް އަމަލުކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މައުމޫން ސަރުކާރުގެ މިނިސްޓަރެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ