ވަގަށް ނަގާފައިވަކަމަށް ބެލެވޭ އިންޖީނުގެ ބައިތަކަކާއެކު ބިދޭސީއަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 19 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށާއި އޭނާ ހައްޔަރުކުރީ މި ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެރޭ 23:00 ހާއިރު ހުޅުމާލޭ ވިލާ ސައިޓް ސަރަޙައްދުގައި ހުއްޓާ ފުލުހުން ފެނުމާއެކު ދުވެ ފިލަން މަސައްކަތްކުރަނިކޮށް ހުޅުމާލޭ އެޗް.ޑީ.ސީ ޖެޓީ އާއި ހިސާބުން ކަމަށެވެ.
އަދި ވަގަށް ނަގާފައިވާކަމަށް ބެލެވޭ އިންޖީނުގެ ބައިތައް ފުލުހުންނަށް ފެނިފައިވަނީ ވިލާ ސައިޓް ކައިރީގައި ބަހައްޓާފައި ހުއްޓަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ވަގަށް ނަގާފައިވާކަމަށް ބެލެވޭ މި ބައިތަކަކީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައިއޮތް ދަނގަޑު ބޯޓެއްގެ ބައިތަކެއް ކަމަށާއި މިތަކެއްޗަކީ ދަނގަޑުގެ ގޮތުގައި ވިއްކަން އުޅުނު ތަކެތި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ވަނީ ފާއިތުވެ ދިޔަ ހަފްތާގައިވެސް ލޯނަރުތަކެއް ވަގަށް ނަގައިގެން ވިއްކަން އުޅުނުކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު އެސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ވަގަށް ނަގާފައިވާ އިންޖީނުގެ ބައިތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ