ވަޒީރުން ހާޒިރުކޮށްގެން މަޖިލިހުން ހާސިލް ކުރަން ބޭނުންވާ މަގުސަދެއް ހާސިލެއް ނުވޭ: މެމްބަރު ޝިޔާމް

ރައްޔިތުންގެ މަޖިލިހަށް ވަޒީރުން ހާޒިރުކޮށްގެން މަޖިލިހުން ހާސިލް ކުރަން ބޭނުންވާ މަގުސަދު ހާސިލް ނުވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ކުޑަކުދިންގެ ހިޔާގައި ބަހައްޓާފައި ހުއްޓައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ގެއްލުނު ޝައިމް އަބްދުﷲގެ މައްސަލައިގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު މަޖިލިހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު އެކަމާ ގުޅޭގޮތުން މަޖިލިހުގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ޖެންޑަރ މިނިސްޓަރ ޝިދާތާ ހާޒިރުކުރީ މަޖިލިހަށް ސުވާލުކުރުމަށް ކަމަށެވެ. ނަމަވެސް ރިޔާސަތުގައި އިންނަވާ ބޭފުޅާގެ ވާހަކަތައް މާ ގިނަ ވުމުގެ ސަބަބުން މެމްބަރުންނަށް ލިބެނީ ވަރަށް ހަނި ފުރުސަތުތަކެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ވަކި ވަގުތެއް ކަނޑައެޅުމަށްފަހުވެސް ފެނިގެންދަނީ އޭގެ ތެރެއިންވެސް ގިނަ ވަގުތުގެ ބޭނުން ރިޔާސަތުން ހިފަމުންދާ މަންޒަރުތައް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މަޖިލިހަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ހާޒިރުކުރުމުން އޭނާ ދޮގު ހަދާފައިވާ ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ ޝިދާތާ ނޫސްވެރިންނާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގައި ޝައިމް ބަދުނާމު ނުކުރާ ވާހަކައަކީ ކަނޑައެޅިގެން ހެދި ދޮގެއްކަމަށެވެ. އެގޮތުން ޝިދާތާ ބޭއްވި ނޫސްވެރިންގެ އެ ބައްދަލުވުމުގެ ހަތް މިނިޓް ސާޅިސް ސިކުންތުން ފެށިގެންގޮސް ހަތް މިނިޓް ފަންސާން ފަސްވަނަ މިނިޓާއި ދޭތެރޭ ދައްކާފައި ހުރި ވާހަކަތަކުގައި ވަނީ އެ ކުއްޖާ ބަދުނާމު ކޮށް ދައްކާފައިވާ ވާހަކަތައްކަމަށް ޝިޔާމް ވިދާޅުވިއެވެ. ދިވެހި ރާއްޖޭގައި ފަންނީ ގޮތުން މޮޅު ކަނބަލުން އުޅުއްވާ ކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ވަޒީރުންގެ ގޮތުގައިވެސް މަސައްކަތް ކުރާނެ މޮޅެތި ގާބިލް ކަނބަލުން ތިއްބާ ހަޑި ލައްގަނޑެއް ޖެހިފައިވާ ކަނބަލަކު ވަޒީރު ކަމަށް ގެނައުމަކީވެސް މި ސަރުކާރުގައި ކުޑަކުދިންނާ ދޭތެރޭ ދެކޭގޮތް ހާމަކޮށްދޭ މިންގަޑެއްކަމަށެވެ. އަދި ކޮންމެ ފަހަރަކު ބޮލާލާ ހުރިހާ މައްސަލަތަކެއް ޖެއްސެވުމަށްފަހު އެ ކަންތައްތަކުގެ ޒިންމާ ނަންގަވަން ޖެހޭނީ ސަރުކާރުން ަކަމަށް ވިދާޅުވެޝިދާތާ ވަޑައިގަންނަވަނީކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ކަންތައްތައް އިސްލާހު ކުރުމަށްޓަކައި ޝިދާތާއަށް ބަޖެޓެއް ރައީސް ސާލިހު ނުދެއްވާކަމަށް ޝިދާތާ ވިދާޅުވުމުން ޝިޔާމް ވަނީ ޖެންޑަރ މިނިސްޓަރ ޝިދާތާއަކީ ނާގާބިލު ވަޒީރެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ކަމެއްކޮށްދެއްވަން ޖެހުމުން އަދުގެ ސަރުކާރަށް އެކަމަކީ ވަރަށް ބޮޑު ކަމެއްކަމަށާއި އަދި ބަޖެޓުން ހޭދައެއް ރައްޔިތުންނަށް ކުރަންވީމާ ބޮޑު ކަމަކަށްވާއިރު އެމްޑީޕީގެ ކުރީ ސަރުކާރުގައި ހެދިފައި ހުރި ބައެއް އެގްރިމަންޓްތައް އުވާލުމަށްފަހު ފެނިގެންދަނީ ބޮޑެތި އަދަދުތަކުން ފާއިސާ ލިބިގެންދާ މަންޒަރުތައް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ލާބައެއް ލިބެނީ އެމްޑީޕީއާއި ގުޅިފައިވާ ފަރާތްތަކަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މި ސަރުކާރުގައި އާންމު ރައްޔިތަކަށް ލިބޭ އެއްވެސް މަންފާއެއް ނެތްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ