މިއަހަރުގެ ރަމަޟާން މަހުގެ ހަނދުބެލުން ހޮނިހިރު ދުވަހު ހަވީރު

1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުން 4 މެއި 2019 ވާ ހޮނިހިރު ދުވަހު ހަވީރު އޮންނާނެތީ އެދުވަހު، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑް މިނިސްޓްރޭޝަން ހުޅުވާފައި ހުންނާނެ ކަމުގައި ޑީޖޭއޭއިން ބުނެފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ޝަޢްބާން 1440 ( 04 މޭ 2019 ) ވާ ހޮނިހިރު ދުވަހުގެ ހަވީރު 5.30 ން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.
ޑީޖޭއޭ އިން ބުނީ، މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގަކަމަށެވެ.
އަދި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށެެވެ.
ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދެއްވުމަށް އެދޭ ކަމަށާއި، ހަނދުފެނިގެން ހެކިބަސް އަދާކުރުމަށްޓަކައި ކޯޓަށް އައުމާއި ، ދިއުމުގެ ދަތުރު ޚަރަދު ދޭގޮތަށް ވަނީ ހަމަޖެހިފައި ކަމުގައިވެސް ޑީޖޭއޭއިން ބުނެއެވެ.
ރަމަޟާން މަހުގެ ހަނދާއި ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން އިއްވާ ބަޔާން އިއްވުން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ހަނދައި ބެހޭ ޖަލްސާއަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ