މިފެށުނު އަހަރު އެންމެ އިސްކަންދޭ ކަމަކަށްވާނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް ޝަރުޢީ އުޞޫލުތަކާ ޤާނޫނީ ހަމަތަކާ ހިލާފަށް ޝަރީޢަތް ހިންގައި ނުޙައްޤުން ޙުކުމް ކުރެވި ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ އެކިއެކު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އާއަހަރު ފެށުމުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވީ "2017 ވަނަ އަހަރަކީ ރައްޔިތުންނަށް ދަތިތަކާއި ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު އަހަރެއް." ކަމަށެވެ.
އަދި މިދިޔަ އަހަރަކީ އޭގެ ކުރީގެ ދެތިން އަހަރު ކުރިން ފެށިގެން އައި ވައްކަމާއި، ކޮރަޕްޝަނާއި، ހިޔާނާތުގެ އަމަލުތައް އިތުރަށް ފުޅާވެ މުޅި ގައުމު ފަސާދައިގެ ހާއްޔަކަން ވެގެން ދިޔަ އަހަރެއް ކަމަށް ވެސް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"މިވޭތުވެދިޔަ ދެތިން އަހރު ދިވެހި ވެރިކަން ވަނީ ޑިމޮކްރަސީގެ މަގުގައި އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައެވެ. ވަރަށް ގިނަ ދިވެހި ފަރުދުންގެ އިންސާނީ ޙައްޤުތައް ނިގުޅައިގެންފައެވެ. އެންމެހާ ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކުން މަޙްރޫމްކޮށް، ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ ޚިލާފަށް ބަންދުކޮށް، ޖަލުގައި އަނިޔާވެރި ދުވަސްތަެއް ބަރުދާސްތުކުރުމަށް މަޖުބޫރުކުރުވާފައެވެ." ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ވިދާޅުވީ "އާއަހަރަށްޓަކައި، ދިވެހި ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެންގެ ހިތްތަކުގައި ފަރިވެ ފޮޅެމުންދާ އުންމީދުތައް ކިތަންމެހާވެސް ކުލަގަދައެވެ. ކިތަންމެހާވެސް މުހިންމެވެ."
މިއަހަރު ސިޔާސީ ދާއިރާގެ އެންމެ މުހިންމު ކަމަކީ ރިޔާސީ އިންތިޚާބު ކަމަށް ވީނަމަވެސް ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން ރައީސް މައުމޫންގެ ބަޔާނުގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އެންމެ އިސްކަން ދެނީ މަޖިލީހާއި، ސިޔާސީ ލީޑަރުން މިނިވަންކުރުން – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ