އިދިކޮޅު ޕާޓީތަކަށް ފައިސާ ނުދީ ހިފެހެއްޓުމަށް އަދުރޭ ގޮވާލައިފި

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ނުދީ ހިފެހެއްޓުމަށް ޕީޕީއެމްގެ ނައިބް ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) އިލެކްޝަން ކަމިޝަނަށް ގޮވާލައިފިއެވެ.
އެމްޑީޕީ އާއި ޖުމްހުރީ ޕާޓީ އަދި އަދާލަތު ޕާޓީއަށް ދައުލަތުން އެެއްވެސް ފައިސާއެއް ނުދޭން އަދުރޭ ގޮވާލާފައިވަނީ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ އެއްވެސް ފައިސާއެއް ވެސް ދޭން ނުޖެހޭކަމަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އިދިކޮޅު ޕާޓީތައް އުވާލަން ޖެހޭ ކަމަށެވެ.
"ގައުމަށް ޣައްދާރުވާ ޕާޓީތައް އުވާލެވޭނެ ނިޒާމެއް އެބަޖެހޭ އޮންނަން އަޅުގަނޑަށް ހީވަނީ މިހާރު ވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން އެކަން ކުރެވޭނެހެން،" އޭނާ ވިދާޅުވި އެވެ.
އަދުރޭގެ މިވާހަކަތަކަށް އެމްޑީޕީން ވަނީ ރައްދުދެއްވާފައެވެ. އެގޮތުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރީވެސް ދައުލަތުން ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ހިފަހައްޓާފައިވަނިކޮށް ކަމަށެވެ.
އިދިކޮޅުފަރާތްތަކަށް ވަރުގަދަ އިންޒާރެއް ދީ އިދިކޮޅުޕާޓީތައް ފައިސާ ނުދީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލެއްވިއިރު، އެކޮމިޝަނަށް ދާދި އިހަށްކަށް ދުވަހު އައްޔަންކޮށް އެކޮމިޝަންގެ ރައީސްކަމަށް އިސް ކުރައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގެ އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އަދި ކުރީގެ ފެނަކަ ކޯޕަޜޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އެވެ.
އަހުމަދު ޝަރީފު ކޮމިޝަނަށް އައްޔަން ކޮށްފައިވަނީ މަޖިލީހުގެ 33 މެމްބަރުންގެ ތާއީދާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ