ހޮރައިޒަން ފިޝަރީޒްގެ ފަރާތުން ގދ. ހޯޑެއްދޫގައި ހަދަން ފެށި ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކުރަމުން ގެންދަނިކޮށް އެތަނުގައި ހުޅުޖަހައި އަންދާލުމަކީ ހޯޑެއްދު އާއި މަޑަވެލީގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މަޑަވެލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެތަނުގައި ހުޅުޖަހައި އަންދާލުމަކީ އެ ސަރަހައްދުގެ ވަރަށް ގިނަ ބަޔަކަށް ލިބެން އޮތް ނިއުމަތެއް ގެއްލިގެން ދިޔުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ މަޑަވެއްޔާއި ހޯޑެއްދޫގެ ރައްޔިތުންގެ ތެރެއިން ކޮންމެވެސް ބަޔަކު ކުރި ކަމެއް ކަމަށާއި އެކަމަކީ އެތައް ސަތޭކަ ބަޔަކަށް ލިބެން އޮތް ވަޒީފާގެ ފުރުސަތު ނެތިގެން ދިޔަ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް ނިމި އެތަނުން ޚިދުމަތްދޭން ފަށައިގަނެވުނު ނަމަ މަސްވެރީންނަށް ވެސް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"މިލިބުނު ގެއްލުމުގެ ހިތްދަތިކަން ކޮންބަޔަކަށް ލިބިގެންދިޔައީ. ވިސްނާލާފިއްޔާ ބަޔަކު ކަރުނަ އަޅާ ރޯނެ. އާދެ [އެކަމުގެ ސަބަބުން] އަޅުގަނޑަށް ގެއްލުން ވެގެންދިޔައީ ކިހާވަރެއްގެ ގެއްލުމެއްކަން އެނގޭނީ ހިސާބު ޖަހާލީމާ. ވިސްނުންތެރިކަމާ އެކުވިސްނައި ފިއްޔާ 16 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފެށީމާ އެކަމުގެ ފައިދާ ލިބިގެންދާނީ ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަން އެނގޭނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ހޮރައިޒަން ފިޝަރީޒްގެ ފަރާތުން ހޯޑެއްދޫގައި 16 މިލިއަން ޑޮލަރު ހޭދަކޮށްގެން އެ ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުންގެންދަނިކޮށް އެތަނުގައި ހުޅުޖަހައި އަންދާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަށް ވަނަ ދުވަހު އެވެ. ނަމަވެސް އަދި މިހާތަނަށް ވެސް އެކަން ކުރި ބަޔަކު ތަހުގީގަކުން ހޯދީފައެއް ނުވެ އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިއްޔެ ތިނަދޫއަށް ކުރި ދަތުރުގައި ހުޅުޖަހައި އަންދާލާފައިވާ ގދ. އަތޮޅު ކައުންސިލް އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި ތިނަދޫ ޕޮލިސްޓޭޝަން އެމަނިކުފާނު ބައްލަވާލެއްވި ކަމަށާއި އެތަންތަން ފެނުމުން ލޮލުން ކަރުނަ އޮހޮރޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
16 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓުގައި ހުޅުޖެހުމަކީ ހޯޑެއްދޫ، މަޑަވެލީގެ ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ