ސަރުކާރުން ދޭ ފައިސާ އެކަށީގެންވާ ގޮތުގައި ބޭނުންކުރަނީ މަދު ޖަމިއްޔާއެއް - މިނިސްޓަރ އަޒްލީން

ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތްތައް ހަރުދަނާކޮށް އާންމުން ހޭލުންތެރި ކުރުވުމަށް ސަރުކާރުން ދެމުން އަންނަ ފައިސާ، އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރަނީ މަދު ޖަމިއްޔާ އަކުންކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ބޭއްވި ދެ ދުވަހުގެ ގައުމީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ތަރައްގީގެ ފޮނިމީރުކަން އެރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމާއި ބެހޭ ވުޒާރާތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ވައްޓަފާޅިއާއި ގާބިލުކަން ޖަމިއްޔާތަކުގައި ހުންނަން ޖެހޭ ކަމަށެވެ. އަދި ޖަމިއްޔާތަކަކީ ގައުމެއްގެ އިޖްތިމާއީ އަދާލަތު ގާއިމްކުރުމުގައި މުހިއްމު ޒިއްމާއެއް އަދާކުރާބައެއް ކަމަށާއި ޖަމާއަތްތަކުން ބައްދަލުކުރުމަށް އެދިވަޑައިގެންފިނަމަ އެކަމަށް ނޫނެކޭ ބުނައިފައި ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ އިތުރަށް ވިދާޅުވީ ޖަމިއްޔާތަކުގެ އަމާޒަކަށް ވާންޖެހެނީ އެއް ޖަމިއްޔާއަކުން އަނެއް ޖަމިއްޔާގެ މައްޗަށް ބާރުވެރިވުން ނޫންކަމަށާއި، އޭގެ ބަދަލުގައި ޖަމިއްޔާއެއް ނިސްބަތްވާ ރަށެއްގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ކަންތައްތައް ހާސިލް ނުވާކަމުގައި ވާނަމަ ޖަމިއްޔާތަކުގެ އަމާޒަށް ވާސިލް ނުވެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރުގެ ވާހަކައިގައި ވަނީ ޖަމިއްޔާތަކަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން ވަރަށް ބޮޑަށް ވާހަކަދައްކަވާފައެވެ. އެގޮތުން ސަރުކާރުން ޖަމިއްޔާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ފައިސާދޭކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އެ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކުރަމުން ދަނީ މަދު ޖަމިއްޔާތަކަކުން ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ