އައްޑޫ ރީޖަނަލް ހޮސްޕިޓަލް ފެންވަރު ރަނގަޅު ކޮލިޓީ ހޮސްޕިޓަލް އެއްގެ ގޮތުގައި 2018 ގެ މެދުތެރޭގައި ރައްޔިތުންނަށް ފެނިގެންދާނެ – ދީދީ
އައްޑޫ ސިޓީގައި ގާއިމުކުރާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވިގެންދާއިރު، ސިއްޚީގޮތުން ބޭނުންވާނެ ހުރިހާ ޚިދުމަތެއް މި ހޮސްޕިޓަލުން ލިބިގެންދާނެކަމަށް ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ސިއްޚީ ނިޒާމް ތަރައްގީ ކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރޮގޮރާމްގައި ވާހަކަ ދައްކަމުން ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީ ވިދާޅުވީ، ކުރީގެ ރައީސް ނަޝީދު ސަރުކާރުގައި އައްޑޫ ސިޓީގައި އެޅި ކޮންވެންޝަން ސެންޓަރގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މި މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި ހިތަދޫގައި އަޅާ މި ހޮސްޕިޓަލަކީ ސަރަހައްދީގޮތުންވެސް ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ދެވޭނެ ފެންވަރަށް ތަރައްގީކުރާ ހޮސްޕިޓަލެއްކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.އޭނާ ވިދާޅުވީ ހުރިހާ ވަސީލަތް ތަކަކާއެކު 2018 ގެ މެދުތެރޭގައި މި ހޮސްޕިޓަލުން ޚިދުމަތް ދެވިގެންދާނެކަމަށެވެ. އަށްސަތޭކަ މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިމާރާތްކުރި މި ކޮންވެންޝަން ސެންޓަރ ހުރީ ރަނގަޅު ހާލަތެއްގައި ނޫންކަން ފާހަގަ ކުރަމުން ދީދީ ވިދާޅުވީ، މި އިމާރާތުގެ އެތެރޭގެ ބައި އެއްކޮށް ތަޅާލާ، އަލުން ހޮސްޕިޓަލެއްގެ ސިފަޔަށް މަރާމާތު ކުރަމުންދާ ކަމަށެވެ.މީގެއިތުރުން ސިއްޚީ ނިޒާމް ތަރައްގީކުރުމަށް ރައީސް ޔާމީނުގެ ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން އިބްރާހިމް ދީދީ ވިދާޅުވީ މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ސިއްޚީ ހިދުމަތުގެ ފެންވަރު ހުރީ ވަރަށް ދަށްކޮށްކަމަށް. ނަމަވެސް މިހާރު މި ޚިދުމަތްތައް ތަރައްގީވަމުންދާ މިންވަރު ފެނި އިދިކޮޅު ފަރާތްތަކުންވެސް ހައިރާންވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.މީގެ އިތުރުން ދީދީ ވިދާޅުވީ މިނިވަންކަމަށް 50 އަހަރު ފުރިގެންދިޔައިރު އައްޑޫ ރައްޔިތުންނަށް ހަޤީޤީ އެއްވެސް މިނިވަން ކަމެއް ލިބުނުތޯ ވިސްނާލަން ޖެހޭ ކަމަށެވެ. އައްޑު އަތޮޅުން އިނގެރޭސިން ފައިބަގެން ދިއުމުން ކުރީގެ ސަރުކާރުތަކަށް އައްޑޫ އެއާރޕޯޓް ތަރައްޤީ ނުކުރެވެނުއިރު، މިސަރުކާރުން އެކަންވެސް އައްޑޫ ރައްޔިތުންނަށް ކޮށްދީފައިވާކަމަށެވެ. އަދި ބޮޑެތި ވަޢުދުތައްވެ ވެރިކަމުން އިސްތިއުފާދީ ފިލާފައިވާ ކުރީގެ ރައީސް ނަޝީދުގެ ފަހަތުން ދުވަން އިދިކޮޅު ފަރާތްތައް ލަދުގަންނަން ޖެހޭނެ ކަމަށް ދީދީ ވިދާޅުވިއެވެ.އިބްރާހިމް ދިދީ ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެވޭނެ އެތައް ދަރިންތަކެއް ކޮންމެ އަހަރެއްގައި އުފެދެމުންދާއިރު، ނަޝީދުގެ ވަރުގެ މީހެއް ނެތި، ނަޝީދުގެ ފަހަތުން ބަޔަކު ދާންޖެހޭ ސަބަބު ބަލާ ދިރާސާކުރަންޖެހޭ ކަމަށެވެ. އަދި މިފަދަ ކަންތައްތަކާ ދޭތެރޭ ރައްޔިތުން ރަނގަޅަށް ވިސްނާފަ ކުރިއަށް ދިއުމަށް ދީދީ ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ