ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ފެށޭ ހަފްތާގައި އަޑުއެހުމެއް ބާއްވަނީ

ރައްޔިތުނެގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލާގައި ފެށޭ ހަފްތާގެ އަންގާރަ ދުވަހު އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން ތާވަލު ކޮށްފި އެވެ. ޕާޓީ ބަދަލު ކުރުމުން ގޮޑި ގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި އަމުރު މިމަހުގެ އެއް ވަނަ ދުވަހު ހަމަ އެ ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އަދި އޭގެ ފަހުން ގޮނޑި ނުގެއްލޭ ކަމަށް ބުނާ އަމުރަށް އަމަލު ކުރުން ފަސް ކުރަން މި ހަފްތާގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލަ އަންގާރަ ދުވަހުގެ 10:45 އަށް، އަދި 11:00 ޖަހާއިރަށް ތާވަލުކޮށްފަ އެވެ. އެމައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން ނިންމި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލާގައި މެމްބަރުން ކޮންމެ ދުވަހަކު މިހާރު ވެސް ސުޕްރީމް ކޯޓަށް ހާޒިރުވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރި ފަހުން ސުޕްރީމް ކޯޓުން މައްސަލައެއްގެ އަޑުއެހުން ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ