2 ދަރިވަރަކަށް ހަމަލާދިިން މައްސަލައާއި ސްކޫލް މާހައުލާއި ގުޅުމެއް ނެތް- ޝިފާން

ތާޖުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލްގެ 2 ދަރިވަރަކަށް ހަމަލާ ދީފައިވާއިރު، އެ މައްސަލަ ތަކަކީ، ސްކޫލްގެ މާހައުލާއި ގުޅިފައިވާ މައްސަލަ ތަކެއް ނޫން ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ. ތާޖުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލްގެ 2 ދަރިވަރަކަށް ހަމަލާދިން މައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، ސްކޫލް ކުދިން ތައުލީމް ހާސިލް ކުރަމުން އަންނަ މާހައުލާއި މި މާރާމާރީގެ މައްސަލަތަކާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މި ދެ މައްސަލައާއި ގުޅިގެން ފުލުހުން މިހާތަނަށް ކުރި ތަހްގީގުތަކަށް ރިއާޔަތް ކުރުމަށްފަހު، ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ. އަދި މި މައްސަލަތައް ފުލުހުން ތަހްގީގް ކުރަމުން އަންނައިރު، މާލޭގެ 23 ސްކޫލެއްގެ ކައިރީގައި މިދުވަސްވަރު ފުލުހުން ހަރަކާތްތެރިވާނެކަންވެސް ޝިފާން ވަނީ ހާމަ ކުރައްވާފައެވެ. ތާޖުއްދީން ސްކޫލްގައި މިދިޔަ އަންގާރަ ދުވަހު މާރާމާރީއެއް ހިންގާ ދަރިވަރަކަށް ހަމަލާ ދީފައިވާއިރު މިހަމަލާއާއި ގުޅިގެން 2 ކުދިން ހައްޔަރުކޮށްފައިވެއެވެ. އެއީ އުމުރުން 14 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެކެވެ. ޝިފާން ވިދާޅުވީ އެތަނުން 15 އަހަރުގެ ކުއްޖާ 10 ދުވަހުގެ މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު، 14 އަހަރުގެ ކުއްޖާ މިހާރު އާއިލާއާއި ހަވާލު ކުރެވިފައިވާކަމަށެވެ. އަދި އޭނާ ހުރީ އާއިލާގެ ބެލުމުގެ ދަށުގައި ކަމަށް ޝިފާން ވިދާޅުވިއެވެ.މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިފާން އިތުރަށް ވިދާޅުވީ، ބައެއް މީޑިއާތަކުން ސްކޫލް ދަރިވަރުންނާއި ބެލެނިވެރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭނެ ގޮތަށް ޚަބަރު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ޝިފާން ވަނީ އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މި ދެމައްސަލައާއި އެއްވެސް ގުޅުމެއް ނެތް ތަފާތު ފޮޓޯތަކާއި ވީޑިއޯ ބޭނުންކޮށްގެން އެކި މެސެޖްތައް ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ