އޭސީސީގެ ސުވާލުތަކަށް ޖަވާބުދެއްވަން މައުމޫން ދެކޮޅު ހައްދަވައިފި
މި މަހުގެ ފަސް ވަނަ ދުވަހު ހައްޔަރު ކުރި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގު ޓީމަކުން ސުވާލު ކުރަން ޖަލަށް ދިޔުމުން އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަތުމަށް ދެކޮޅު ހައްދަވައިފިއެވެ. މ. އެންދެރިމާގޭގައި މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ އޭސީސީން ތަހުގީގުކުރާ އެ މައްސަލަ އަށް މިހާރު 10 އަހަރުވެފައިވާތީ އެއީ ތަހުގީގުކޮށް، ދައުވާ ކުރެވޭނެ މައްސަލައެއް ނޫން ކަމަށެވެ. "އޭސީސީން ސުވާލު ކުރަން ބޭނުންވީ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަކާ ބެހޭގޮތުން. އެކަމަކު އެ މައްސަލަ އަށް މިހާރު 10 އަހަރުވެފައިވާތީ ގާނޫނުގައިވާ ގޮތުން އެއީ ތަހުގީގުކޮށް، ދައުވާ ކުރެވޭނެ މައްސަލައެއް ނޫން. އެހެންވެ ރައީސް މައުމޫން އެ މައްސަލަ އަށް ޖަވާބުދާރީވެވަޑައިގަތުމަށް އިންކާރު ކުރެއްވީ،" މައުމޫން ހަމީދު ވިދާޅުވިއެވެ. މ. އެންދެރިމާގޭގައި މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް މައުމޫން ހަމީދު ވިދާޅުވީ އެފަދަ ދައުވާއެއް އުފުލޭ ވަރަށް ހެކި ހުރި ނަމަވެސް ގާނޫނުލްއުގޫބާތުގައި އަށް އަހަރު ފާއިތުވެފައިވާ މައްސަލައެއްގައި ދައުވާ ނުއުފުލޭނެ ކަމަށް ބުނާތީ އެކަމަށް ގާނޫނު ހުރަސް އަޅާ ކަމަށެވެ. އެހެންކަމުން ތަހުގީގަށް އިންޓަވިއު ކުރާ ކޮޓަރި އަށް ވެސް ވަޑައިނުގަންނަވާނެ ކަމަށް މައުމޫން އޭސީސީގެ ބޭފުޅުންނަށް އެންގެވި ކަމަށް އޭނާ ވިދާޅުވި އެވެ. "ސިޔާސީ މަސްރަހުގައި ހިނގާ ކަމަކުން ކުއްލިއަކަށް އޭސީސީގެ ބޭފުޅުންނަށް ނިދިން ހޭފުޅުލެވިގެން މައްސަލަތައް ބައްލަވަމުން ގެންދަވާ ކަމީ މީގެ ކުރިން ވެސް ފެންނަން އޮތް ހަގީގަތެއް. އެ ބޭފުޅުން ގާނޫނުގެ ތެރެއިން އެއްވެސް މައްސަލައެއް ތަހުގީގުކުރާ ނަމަ އެކަމަށް ރައީސް މައުމޫން ފުރިހަމަ އަށް އެއްބާރުލުން ދެއްވަން ހުރީ ތައްޔާރަށް،" މައުމޫން ހަމީދު ވިދާޅުވިއެވެ. މައުމޫނުގެ ދަރިކަލުން އަހުމަދު އަހުމަދު ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާ ތަހުގީގުގައި މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށް އެ ބޭފުޅުންގެ ވަކީލުން މިއަދު ވަނީ ވިދާޅުވެފައެވެ. ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް މިއަދު ނޫްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ، އެ ދެ ބޭފުޅުންނަށް ކުރާ ތުހުމަތުތަކުގެ ވާހަކަ އާއި ހެކިތައް ހުރި ކަމުގެ ވާހަކަ ވެސް ފުލުހުން ދައްކަނީ މީޑިއާގަ ކަމަށާއި އެއިން ބޭފުޅެއް ކައިރިއަށް ވަޑައިގެން ތުހުމަތަކާ ގުޅޭ ގޮތުން ސުވާލެއް ވެސް ފުލުހުން ކޮށްފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ