ރާއްޖޭގައި އަދިވެސް ޝަހީދު ހުސެއިން އާދަމް ފަދަ ފަހުލަވާނުން ދިރި އެބަ ތިބި - ނިހާން

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިރާއްޖޭގައި ޝަހީދުވެގެން ދިޔަ، ހދ.ކުޅުދުއްފުށީ މަވާގޭ، ޝަހީދު ހުސެއިން އާދަމް ފަދަ އެތައް ބަޠަލުންނެއް އަދިވެސް ރާއްޖޭގައި ދިރި އެބަ ތިބި ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރ އަދި ރައްޔިތުންގެ މަޖްލީހުގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ރުމާލު 2 ޖަގަހައިގައި ކުރިއަށް ދާ ފޯރިގަދަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ރާއްޖޭގެ މިނިވަން ކަމާއި އިސްތިޤުލާލާއި ކުޅެން ބަޔަކު އުޅެންޏާ، ޝަހީދު ހުސެއިން އާދަމް ނަޞްރުގެ ދުވަހު ދެއްކި ފުރިހަމަ ހިތްވަރުން ހިތްވަރު ލިބިގަނެ މިއަދު ދިވެހި ރައްޔިތުން ނިކުންނާނެ ކަމަށެވެ. އެއީ އަދި ކޮންމެ ބަޔަކާއި ދެކޮޅަށް ކަމަށްވިޔަސް ވެސް ވަރިހަމަ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
ދޮންބަންޑަރާއިން ހޮޅިންގެ އަތްދަށުން ޤައުމު ސަލާމަތް ކޮށްދީ، ބޮޑުތަކުރުފާނު ޕޯޗުޣީޒުންގެ އަތްދަށުން ޤައުމު ފަޠަހަ ކޮށް އަޅުގަޑުމެންނާއި ހަމައަށް ޤައުމު ވާޞިލްކޮށްދިނީ ޖާނާ މާލު ޤުރުބާންކޮށްގެން ކަމަށާއި އެފަދަ މިސާލު ތަކުން ހިތްވަރު ލިބިގަނެގެން މި ޤައުމުގައި ބަޤާވާތެއް ކުރަން ފުރުޞަތު ނުދޭނެ ކަމަށްވެސް ނިޙާން ވަނީ ހަރު އަޑުފުޅުން ވިދާޅުވެފައެވެ.
އަދި އިތުރަށް ވިދާޅުވީ މިޤައުމުގެ ވެރިކަން ބަގާޥާތުނަކުން ވައްޓާލަން، ދިފާޢީ ބާރުތަކުން ފުރުޞަތު ނުދެއްވާނެކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަން އަޒަލު ކުރަން ގޮވާލުމަކީ ޤައުމުގައި ހަނގުރާމަ އިޢުލާން ކުރުންކަން ފާހަގަކުރަމުން ނިހާން ވިދާޅުވީ ޤައުމަށްޓަކައި ދީނަށްޓަކައި ފުރާނަވެސް ޤުރުބާން ކުރާނެކަމަށެވެ.
ރައީސް ޔާމީން އަކީ ބޮލުގައި ބަޑި ޖައްސާ މަޖްބޫރު ކުރިޔަށް ރައްޔިތުންނާއި ޤައުމު ދޫކޮށް އިސްޠިޢުފާ ދެއްވާފައިވާ ފިއްލަވާނެ ބޭފުޅެއް ނޫންކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ